މިރޭ ކުރީގެ ރައީސް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާ އުދީދޫ މޯލްޑިވްސް އިން ކުށްވެރިކޮށްފިއެވެ.
އުރީދޫ އިން ވަނީ މިކަން ކުށްވެރިކޮށް ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީތްގައި ވަނީ ރައީސް ނަޝީދުގެ އިތުރުން އެ ހަމަލާގައި އަނިޔާވި ފަރާތްތަކަށް އަވަށް ޝިފާއަކަށް އެ ކުންފުނިން އެދޭ ކަމަށް ވެސް ބުނެފައެވެ.
https://twitter.com/OoredooMaldives/status/1390366248488226819
ގ. ކެނެރީގޭ ކައިރީގައި އެއްޗެއް ގޮއްވާލި ހާދިސާގައި ޒަޚްމްވެގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޮސްޕިޓަލަށް ގެނައިރު ގިނަ ޒަޚަމްތަކެއް ހުރިކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނީ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކާއި ގުޅިގެން އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެނައީ މިރޭ 8:30ގައިކަމަށެވެ. އަދި އެމަނިކުފާނު ހޮސްޕިޓަލަށް ގެނައިރު ގިނަ ޒަޚަމްތަކެއްހުރިކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެއެވެ.
އޭޑީކޭއިން ބުނީ ރައީސް ނަޝީދަށް ފަރުވާދެމުންދަނީ މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުންކަމަށެވެ. އަދި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅުކަމަށް އޭޑީކޭއިން ބުނެއެވެ.
އޭޑީކޭއިން ބުނީ ރައީސް ނަޝީދަށް ލިބުނު އަނިޔާތަކާއި ގުޅިގެން އިތުރު ސާޖަރީތަކެއް ހަދަންޖެހުނުކަމަށެވެ.
މިރޭ 8:30 ހާއިރު އެއްޗެއް ގޮއްވާލާފައިވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރުމަގުގައެވެ. އެސަރަޙައްދުގައި އެއްޗެއް ގޮއްވާލީ ރައީސް ނަޝީދު އެސަރަޙައްދުގައި އޮތް ކާރުކޮޅަކަށް އަރައިވަޑައިގަންނަވަނިކޮށެވެ.
ރައީސް ނަޝީދުގެ އިތުރުން މިހާދިސާގައި އިތުރު ބައެއް މީހުންނަށްވެސް އަނިޔާވިއެވެ. އޭގެތެރޭގައި ސިފައިންގެ 3 ބޭކަލަކުވެސް ހިމެނިވަޑައިގެންނަވައެވެ. އޭގެތެރެއިން އެއް ބޭކަލަކު ދޫކޮށްލާފައިވާއިރު، އަނެއް 2 ސިފައިންގެ ބޭކަލުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމާލާއެއްކަމަށް ބެލެވޭއިރު، ކުރީގެ ރައީސުން ހިމެނޭގޮތަށް ސިޔާސީ ފަރާތްތަކުން މިހަމަލާ ކުށްވެރިކުރަމުންނެވެ. އަދި ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ސަރުކާރުގެ އިސްވެރިން ވަނީ އޭޑީކޭއަށް ޒިޔާރަތްކޮށްފަައެވެ.
މިހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. މިގޮތުން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށްފައިވާއިރު، ފުލުހުންގެ އެލާޓް ލެވަލް ވަނީ ލެވަލް 3 އަށް މަތިކޮށްފައެވެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހަމިއްޔަތުކަންދީގެން ދިވެހި ފުލުހުން ތަހުޤީޤްކުރާނެކަން ކަށަވަރުކުރާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް