މިރޭގެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް މަޖިލީހުން ތުހުމަތުކޮށްފިއެވެ.
ރައީސް ނަޝީދުއަށް އަމާޒުކޮށްގެން މިރޭ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ވަނީ ކުއްލި ޖަލްސާއެއް ބާއްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން މިރޭގެ ޖަލްސާގައި ވިދާޅުވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުވީ ޓެރަރިސްޓް ހަމަލާއެއްކަމަށެވެ.
މިރޭ ގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވަނީ ޓެރަރިސްޓް ހަމަލާއެއްކަމަށެވެ. އަދި އެ ފިނޑި އަމަލު އެކަމަނާގެ އަމިއްލަ ނަންފުޅުގައާއި މުޅި މަޖިލީހުގެ ނަމުގައި ކުށްވެރިކުރާކަމަށްވެސް އީވާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ފުރިހަމަ މައުލޫމާތު ލިބެންދެން މަޖިލީހުގެ ޖަލްސާ ނިންމާނުލާ ކުރިއަށްގެންދަން ނިންމާފައިވާކަމަށް އީވާ ވިދާޅުވިއެވެ.
މިރޭ އެއްޗެއް ގޮއްވާލި ހާދިސާ ހިނގާފައި ވަނީ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެ ހުންނަ ނީލޯފަރުމަގުގައެވެ.
8:30 ހާއިރު ހިނގި މި ހާދިސާގައި، އެސަރަޙައްދުގައި އެއްޗެއް ގޮއްވާލީ ރައީސް ނަޝީދު އެސަރަޙައްދުގައި އޮތް ކާރުކޮޅަކަށް އަރައިވަޑައިގަންނަވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް