ޑޜ އަފްރާޝީމްގެ މަރާއި ރައީސް ޔާމީން އާއޮ އެއްވެސް ގުޅުމެއް ނެތް: އުމަރު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ، ރައީސް އަބްދުﷲ ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ މޭރުމުން އޭނާ ވާހަކަ ވެ...

07 May 2015 | 18:07

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ، ރައީސް އަބްދުﷲ ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ މޭރުމުން އޭނާ ވާހަކަ ވެސް ދައްކަވާފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ރައީސް ޔާމީނަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުތަކެއް ކުރަމުން ދަނިކޮށް، ދިޓީވީގެ ޕްރޮގްރާމެއްގައި ރައީސް ޔާމީން ދިފާއުކުރައްވައި، އުމަރު ވިދާޅުވީ ރައީސް ޔާމީނާ އެކަމާ އެއްވެސް ގުޅުމެއް އޮތް ކަމަށް ތަހުގީގުން ނުދައްކާ ކަމަށެވެ. އަދި ތަހުގީގުގެ އެއްވެސް ހިސާބެއްގައި ރައީސް ޔާމީންގެ ނަންފުޅު އައިސްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ރައީސް ޔާމީނަށް ކުރާ ތުހުމަތުތައް އުމަރު ދޮގުކުރެއްވި އިރު، އެ މައްސަލަ އާއި ރައީސް ޔާމީނާ ގުޅުވައިގެން ބައެއް މީހުން ވާހަކަ ދައްކަން ފެށީ ޕީޕީއެމް ރިޔާސީ ޕްރައިމަރީގައި އުމަރު ދެއްކެވި ވާހަކައަކުންނެވެ.

އެ ޕްރައިމަރީގައި ޔާމީނާ ވާދަކުރެއްވި އުމަރު އޭރު ދެއްކެވި ވާހަކަތަކުގައި ޔާމީނަކީ ކޮރަޕްޝަނާއި ގޭންގްތަކާ ގުޅުން އޮންނަ ބޭފުޅެއް ކަމަށް ތުހުމަތުކުރެއްވި އެވެ. އަދި އަފްރާޝީމްގެ މަރުގެ މައްސަލާގައި ހިމެނޭ ކުއްޖަކު ޔާމީނާ ބައްދަލުކުރަން ޕީޕީއެމް އޮފީހަށް ގޮސް އިން ކަަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް އުމަރު މިރޭ ވިދާޅުވީ އަފްރާޝީމްގެ މަރާ ރައީސް ޔާމީނާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާނެ ކަމަށެވެ. އަދި އޭނާ ހަމައެކަނި ވިދާޅުވެފައި އޮންނާނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހަކު ޔާމީނާ ބައްދަލުކުރަން ގޮސް ޕީޕީއެމް އޮފީހުގައި އިން ތަން ދެކެވަޑައިގެންނެވި ކަމަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ އަފްރާޝީމްގެ މަރާ ގުޅުން ހުރި މީހަކު އޭނާ ދޫކޮށްލި ފަހުން ރައީސް ޔާމީނާ ބައްދަލުކުރުމަށް ގޮސް ޕީޕީއެމް އޮފީހުގައި އިންދާ ދުށީމޭ. އަޅުގަނޑު ނުދަންނަވަން އަފްރާޝީމްގެ މަރާ ރައީސް ޔާމީނާ ގުޅުން އޮތެކޭ،" އުމަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ވާހަކަ އެގޮތަށް އޭރު ވިދާޅުވީ ވާދަވެރި ރޫހެއްގައި ދިޔަ ކެމްޕޭނާ ގުޅިގެންނެެވެ. އެކަމަކު އެ ވާހަކަ މީޑިއާގައި ރިޕޯޓްކުރުމުން، އެމްޑީޕީ އަށް އަޑުއިވުނީ "މުޅިން އެެހެން ގޮތަކަށް" ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ [އެމްޑީޕީ] އެ ބޭފުޅުންގެ ކަންފަތް ޖެހޭނީ ކަފަބުރަކުން ރަނގަޅަށް ސާފުކުރަންހެން، އަޅުގަނޑު ދެންނެވި ވާހަަކަ ރަނގަޅަށް ސާފުނުވާތީ،" އުމަރު ވިދާޅުވި އެވެ.

ރައީސް ޔާމީނާާ މަސްތުވާތަކެއްޗާއި ގޭންގުތަކާ ގުޅުން އޮތް ކަމަށް ދޭހަވާ ގޮތަށް ޕްރައިމަރީގައި ވާހަކަ ދެއްކެވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާއެއްގައި އޭނާ ވިދާޅުވެފައި ވަނީ އެ ކަންކަމާ ރައީސް ޔާމީނާ ގުޅުމެއް ނެތް ކަމަށެވެ.

އުމަރު ވިދާޅުވީ އަފްރާޝީމްގެ މަރާ ގުޅިފައި އޮތިއްޔާ އޮންނާނީ އެމްޑީޕީ ކަމަށެވެ. އެއީ ދީނީ އިލްމުވެރިޔާ އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހުސެން ހުމާމާ، އެކަމާ މަޝްވަރާކުރަން ބައްދަލުކުރީ އެ ޕާޓީގެ އިސް އެކްޓިވިސްޓުންކަން ތަހުގީގަށް އެނގިފައި ވާތީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަފްރާޝީމްގެ ހަގީގީ ގާތިލަކީ ހުމާމެވެ. ހުމާމުގެ ގައިން އަފްރާޝީމްގެ ލޭ، ފޮރެންސިކް ތަހުގީގުތަކުން ފެނިފައިވާ ކަމަށާއި އެއީ އިންކާރު ކުރެވޭނެ ކަމެއް ނޫން ކަމަށް އުމަރު ވިދާޅުވި އެެވެ.

"އަފްރާޝީމްގެ ހަގީގީ ގާތިލުން ތިބެންޏާ ތިބޭނީ އެމްޑީޕީ ތެރޭގައި، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި،" އުމަރު ވިދާޅުވި އެވެ.

އެ މައްސަލާގައި ތުހުމަތުކުރެވުނު އަޒްލިފް ރައޫފާއި ލ. ގަމު ތުނޑި، ނޫއަލި، އާދަމް ސޮލާހް (ސްޕައި) އާއި އެމްޑީޕީގެ ސީނިއަ އެކްޓިވިސްޓެއް ކަމަށްވާ އަބްދުﷲ ޖާވިދާއި އޭނާގެ ބޭބެ ޝާހީން މުހައްމަދު، ހުމާމާ ބައްދަލުކޮށް ވާހަކަ ދެއްކިކަން ތަހުގީގަށް އެނގިފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ ކުރީ ދުވަހު ހުމާމްގެ ފޯނުން ޖާވިދުގެ ފޯނަށް ދެ ފަހަރު ގުޅާފައިވާ ކަމަށާއި އަދި އެހެން ވަގުތެއްގައި "ޖާޔަށް ރިމައިންޑް ކޮށްދޭން" ކަމަށް ބުނެ ހުމާމުގެ ފޯނުން މެސެޖެއް ވެސް ފޮނުވި ކަމަށެވެ.

އެކަމަކު ތަހުގީގަށް ލިބޭ ކޮންމެ މައުލޫމާތަކީ ޝަރީއަތަށް ސާބިތުކުރެވޭނެ އެއްޗެއް ނޫން ކަމަށް އުމަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް