ފާރަ ގެމައިގެ އެހީގައި ޖަލުން މަސްތުވާތަކެތި ހޯދައިފި

ފާރަ ގެމަ ބޭނުންކޮށްގެން ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފުށި ޖަލުން މަސްތުވާތަކެތި ހޯދައިފި އެވެ. އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިނ...

07 May 2015 | 13:06

ފާރަ ގެމަ ބޭނުންކޮށްގެން ފުލުހުންގެ ޑްރަގު އެންފޯސްމަންޓު ޑިޕާޓުމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާފުށި ޖަލުން މަސްތުވާތަކެތި ހޯދައިފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ އޮޕަރޭޝަން ހިންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ އޮޕަރޭޝަނަކީ 14 ގަޑިއިރުގެ އޮޕަރޭޝަނެއް ކަމަށެވެ.

އޭނާ ވިދާޅުވީ ފާސްކުރުމުގެ ތެރޭގައި ހަޝިޝް އޮއިލް ހުރި 25 ރަބަރު ޕެކެޓާއި ހެރޮއިން ކަމަށް ޝައްކުކުރެވޭ ފަސް ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި ގިނަ އަދަދަކަށް ފޯނާއި ސިމް އަދި ފޯނު ޗާޖަރު ފެނިފައިވާކަމަށް ޝިފާން ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝިފާން ވަނީ ރާއްޖޭގައި ބަނގުރާ އާންމުވުން ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ވެސް ނޫސްވެރިންނާ ހިއްސާކުރައްވައިފައެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު މ. ރަންދޯދި ގެއިން 69 ބަނގުރާ ފުޅިއަކާ އެކު ފަސް ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ "ކޭސް" އާ ގުޅޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

ޝިފާން ވިދާޅުވީ، އޭގެ އެއްދުވަސް ފަހުން މާބުލް ހޮޓެލް ކައިރީ ހުރި ގުދަނަކުން ފެނުނު ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާ މާބުލް ހޮޓަލާ ގުޅުން ހުރި ކަމަށެވެ. އަދި ވިދާޅުވީ އެ ހޮޓަލާ މެދު ފިޔަވަޅު އެޅުމަށް ޓޫރިޒަމް މިނިސްޓްރީ އަށާއި އަދި އިކޮނޮމިކް މިނިސްޓްރީއަށް ފުލުހުން އަންގާފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް