ރައީސުލް ޖުމްހޫރިއްޔާ އަބުﷲ ޔާމީން އަބުދުލް ގައްޔޫމު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕާކިސްތާނާއެކު ހަތަރު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެމްއޯޔޫގައި ސޮއި ކުރި ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރުގެ ދާއިރާ އާއި ތައުލީމާއި ސިއްހީ ދާއިރާ އާއި ޑްރަގް ޓްރެފިކް ހުއްޓުވުން ހިމެނެއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކުރެއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމިނު އަބްދުލް ގައްޔޫމާއި ޕާކިސްތާނުގެ ރައީސް ނަވާޒް ޝަރީފު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީނު ވިދާޅުވީ ޕާކިސްތާނަކީ ރާއްޖެ އާއި ވަަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެއް ކަމަށެވެ. އަދި ރާއްޖޭ އަށް ދިމާވި ދަތި ދަނޑިވަޅުތަކުގައި ހާއްްސަކޮށް ސުނާމީގެ ގެއްލުމުން އަރައިގަތުމަށް ޕާކިސްތާނުގެ އެހީތެރިކަން ލިބިފައިވާ ކަަމަށް ރައީސް ޔާމިން ވިދާޅުވި އެވެ.
ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އެންމެ ބޮޑަށް ގުޅުން ބަދަހިވެފައިވާ ދާއިރާތަކުގެ ގޮތުގައި ރައީސް ޔާމީން ފާހަގަކުރެއްވީ އިންފްރަސްޓްރަކްޗާ އާއި ޑިފެންސް އަދި މީހުން ބިނާކުރުމެވެ. އެ ދާއިރާތަކުގެ އިތުރަށް، އާ ރޮނގުތަކުން ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ގުޅުން ގާއިމްކޮށް، އެ ގުޅުން ކުރިއެރުވުމަށް ބޭނުންފުޅުވާކަން އެ މަނިކުފާނު ހާމަކުރެއްވި އެވެ.
ރައީސް ޔާމީން ވަނީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނަވާޒް ޝަރީފަަށް ދައުވަތު ދެއްވާފަ އެވެ.
ނަވާޒް ޝަރީފާއި ރައީސް ޔާމީނު ދެއްވި ޕްރެސްކޮންފަރެންސްގެ ނަވާޒް ޝަރީފު ވިދާޅުވީ ދެ ގަައުމުގެ ދެމެދުގައި ވިޔަފާރި އިތުރު ކުުރުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިއެރުވުމަށާއި ދެ ގައުމުގެ ދެމެދުގައި ރައްޔިތުންގެ ގުޅުން ހަރުދަނާ ކުރުމަށް ވެސް މަޝްވަރާކޮށް ނިންމާފައިވާ ކަމަށް ނަވާޒް ވިދާޅުވިއެެވެ.
ސަރަހައްދީ ބައެއް މައްސަލަތަކާއި ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަަމަށް ނަވާޒް ވިދާޅުވިއެވެ. އަދި ސާކުގައި ދެގައުމުން ގުޅިގެން މަސައްކަތް ކުުރުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް ނަވާޒް ވިދާޅުވި އެވެ.
ދިވެހިން ތަމްރީނު ކުރުމުގައި ޕާކިސްތާނުން އެހީތެރިވެދެއްވާނެ ކަަމަށް ވެސް ނަވާޒް ވިދާޅުވިއެވެ. މި ގޮތުން ޑިޕްލަމެޓިކް ދާއިރާ އާއި ބޭންކިން އާއި ފައިނޭންސް ދާއިރާއިން ތަމްރީނު ދެވޭނެ ކަަމަށް ނަވާޒް ވިދާޅުވިއެވެ.
ޕާކިސްތާނަށް ރައީސް ޔާމީން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ބައެއް ވަޒީރުންނާއި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް