އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ސީނިއާ އަށް އޮފިސަރަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެމީހުންގެ ފުށުން ވައިގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކޮށްފާނެ ކަންތައްތަކެއް ފެނުމުން ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ކޯސްޓްގާޑު ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގު އަލީ ވިދާޅުވީ އިއްޔެ ވަޒީފާއިން ވަކި ކުރި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ކުއްލި ގޮތަކަށް ނޫން ކަމަށާއި، އެމީހުން މަގާމުން ވަކިކޮށްފައިވަނީ ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކުރަން ޖެހޭ އިތުބާރު އެމީހުންގެ ފަރާތުން ކަށަވަރު ނުކުރެވިގެން ކަމަށެވެ.
ތޯރިގު އަލީ ލުތުފީ ވިދާޅުވީ ތަމްރީނުތަކެއް ދިނުމަށްފަހު ވަޒީފާ ދޭ މުއައްސަސާތަކުގައި ތިބޭ މުވައްޒަފުން ދޫކޮށްލަން ޖެހުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އެ ނިންމުމަކީ އުފާވެރި ނިންމުމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
އޭވިއޭޝަން ކޮމާންޑުގެ އަށް މުވައްޒަފުން ވަކިކުރި ސީދާ ސަބަބާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ތޯރިގު ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން މިއަދު ހާމަކުރި މިންވަރަށް ވެސް މައުލޫމާތު ހާމަކުރީ ބައެއް ޓީވީތަކުގެ ނިއުސް ބާއަށް އަރަމުންދާ ލިޔުންތަކާއި ގުޅިގެން ކަމަށާއި އެހެން ނޫނީ އެކަން ހާމަކޮށްފައި އޮންނާނީ އިގްތިސޯދީ ފުދުންތެރިކަމުގެ ތެރެއިން އަޅަމުން އަންނަ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
ތޯރިގު ވިދާޅުވީ ކަމެއްގެ ވާހަކަ ދައްކަން ޖެހެނީ ހަމައެކަނި އެކަމެއް ހިނގުމުން ނޫން ކަމަށާއި ކަމެއް ހިނގުމުގެ ކުރިން އެކަމަކަށް އޮތް ފުރުސަތު ހަނި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދައުލަތުން އަޅާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ ވަރަށް ބޮޑު ބައެއް ގުޅިފައި އޮތީ ވައިގެ ސިނާއަތާއި، އެ ސިނާއަތުގެ ރައްކާތެރިކަމަށް ވާތީ އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ތޯރިގް އިތުރަށް ވިދާޅުވީ ވައިގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ދެވިފައިވަނީ އެ މަސައްކަތް ކުރަމުންދާ މީހުންނަކީ އެކަން ކުރުމުގެ ގާބިލުކަމާއި، އަހުލާގާއި ވަކި މިންގަނޑުތަކެއްގެ ތެރޭގައި މަސައްކަތް ކުރާ ބައެއްކަން އެކަންކަން ބަލަން ޖެހޭ އިދާރާތަކުން ބަލައި ޔަގީން ކުރަމުންދާތީ ކަމަށެވެ. އެފަދަ ކަމަކަށް ހުރަހެއް ކުރިމަތިވާނަމަ ދައުލަތުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަމުންދާނެ ކަމުގައިވެސް ތޯރިގު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް