އެންމެ ކުޑަ އުޖޫރައަކީ 600 ޑޮލަރު ކަމަށް ކަނޑައަޅަން "ޓީމް" އިން މަސައްކަތް ފަށައިފި

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އެދި ޑިމާންޑުތަކާއެކު ޕެޓިޝަނެއް ސަރުކާރަށް ހުށަހެޅުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސީއޭޝަން އޮފް މޯލްޑިވްސް (ޓީމް) އި...

07 May 2015 | 08:50

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކޮށްދިނުމަށް އެދި ޑިމާންޑުތަކާއެކު ޕެޓިޝަނެއް ސަރުކާރަށް ހުށަހެޅުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސީއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފި އެވެ.

ޓީމް އިން ސަރުކާރަށް ހުށަހަޅާ ޑިމާންޑުތަކުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކާއި ސަފާރީތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ ކުޑަވެގެން 600 އެމެރިކާ ޑޮލަރަށް (9252 ރުފިޔާ) އަށް ހެދުމަށާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް 80 އިންސައްތައަށް ހަދައި އެކަން ތަންފީޒު ކުރުމުގެ އިތުރުން މުވައްޒަފުންގެ ހައްގުގައި ގާނޫނުތައް ފާސްކުރުމަށެވެ. ހަމައެއާއެކު ޓޫރިޒަމް ދާއިރާއިން ނަގާ ސާވިސް ޗާޖު ގާނޫނުގައި ބުނެފައިވާ ގޮތަށް 99 އިންސައްތަ އާއި ހަމަހަމައަށް ބެހޭނެ ނިޒާމެއް ހަމަޖެއްސުމާއި ސާވިސް ޗާޖު ނަގާ މިންވަރު 12 އިންސައްތައާއި ހަމައަށް ހަމަޖެއްސުމަށް ޑިމާންޑު ކުރެ އެވެ. ހަމައެއާއެކު ސަރުކާރުގެ ވައުދެއް ކަމަށްވާ ރިސޯޓު ހިއްސާ ރިސޯޓް މުވައްޒަފުންނަށް ދިނުމަށް އެދޭ ކަމަށެވެ.

އެ ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު މިއަދު ވިދާޅުވީ އެކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި އެގޮތުން 5300 ސޮއި ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. އެ ޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައްތައް މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާއިރު ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އިންޓަނޭޝަނަލް ޖަމިއްޔާތަކާއެކު މި މަހު 30 ގައި މާލޭގައި އެއްވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މައުރޫފް ވިދާޅުވި އެވެ. އެއަށްފަހު އެ ޑިމާންޑުތައް ސަރުކާރަށް ހުށަހަޅާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ޑިމާންތައް އުފުލާފައި ވަނީ މިހާރުގެ އިގުތިސާދީ ހާލަތާއި ރިސޯޓްތަކަށް ލިބޭ އާމްދަނީއަށް ވެސް ބަލައިގެން ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

ސަރުކާރަށް ހުށަހަޅާ ޑިމާންޑްތަކަށް އިޖާބަދޭނެ ކަމަށް ގަބޫލް ކުރާ ކަމަށާއި ސަރުކާރުން ބުނާ ފަރާތްތަކަކާއި މަޝްވަރާ ކުރުމަށް ވެސް ތައްޔާރަށް އޮތް ކަމަށް މައުރޫފް ވިދާޅުވި އެވެ. ސަރުކާރުން ޑިމާންޑްތަކަށް އިޖާބަ ނުދޭނަމަ މަސައްކަތް ހުއްޓާލައި އިހްތިޖާޖު ކުރާނެ ކަމުގެ އިންޒާރު މައުރޫފް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް