ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރާއި ރައީސް ޔާމީން ބައްދަލު ކުރައްވައިފި

ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިނަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައުވަތު އަރުވައިފި އެވެ. ރައީސް ...

07 May 2015 | 07:43

ޕާކިސްތާނުގެ ރައީސް މަމްނޫން ހުސައިނަށާއި އެ ގައުމުގެ ބޮޑު ވަޒީރު ނަވާޒު ޝަރީފު ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދައުވަތު އަރުވައިފި އެވެ.

ރައީސް ޔާމީނާ ޕާކިސްތާނުގެ ރައީސް އަދި އެ ގައުމުގެ ބޮޑުވަޒީރާ އެކު ރޭ ބޭއްވި ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިން ވަނީ، ޕަކިސްތާނުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާ އެވެ.

އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ރޮނގުންނާއި، އިޖްތިމާޢީ ރޮނގުންނާއި، އިންވެސްޓްމަންޓްގެ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތަނުގެ ރައީސް މަޝްވަރާ ކުރެއްވިއެވެ. އަދި، ބައިނަލްއަގުވާމީ މައިދާނުގައި ދެގައުމުން އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ދެބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ.

ރޭގެ ބައްދަލުކުރެއްވުމަށްފަހު ރައީސް ޔާމީންގެ ދެކަނބަނލުންގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް ވަނީ ޖާފަތެއް ދެއްވާފައި އެވެ.

ރައީސް ޔާމީންގެ ދެކަނބަނލުން ޕާކިސްތާނަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައި އެވެ. ޕާކިސްތާނަށް ރައީސް ޔާމީންގެ ދެކަނބަނލުން ވަޑައިގަތުމުން އެގައުމުން ވަނީ ރައީސްގެ ދެކަނބަނލުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސްގެ ދަތުރުފުޅުގައި ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެޤައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް