މިދޔަ ހުކުރު ދުވަހު ބޭއްވި ބޮޑުމުޒާހަރާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި، ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އީސާ މާލެ ގެނެސް ސެޕެޝަލިސްޓު ޑޮކްޓަރުން ނަށް ދައްކައިފި އެވެ.
އެ މީހުން ރޭ އިރާކޮޅު މާލެ ގެނެސް ދައްކާފައިވަނީ އޭއެމްޑީސީ ކްލިނިކަށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އަލީ ވަހީދާއި އަހްމަދު އީސަ ޑޮކްޓަރުންނަށް ދައްކަންޖެހޭތީ އެ ދެ ބޭފުޅުން މާލެ ގެނެސް ސްޕެޝަލިސްޓުންނަށް ދައްކާފައިވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އީސާ ޑޮކްޓަރަށް ދައްކާފައިވަނީ އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ބުނެފައިވަނިކޮށެވެ. އެމްޑީޕީން ބުނީ އީސައަށް ފުލުހުން އަނިޔާކުރުމާއި ގުޅިގެން އީސަ އުނަގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށާއި އޭނާއަށް އެކަނި ހާލުގައި ކޮޅަށްވެސް ނުހުރެވޭ ކަމަށެވެ. އަދި އީސަގެ މައްސަލައާއި އެހެން ބައެއް މީހުންގެ މައްސަލަ އެމްޑީޕީން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ސަމާލު ކަމަށްވެސް ގެނެސްފަ އެވެ.
އަލީ ވަހީދުގެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިވަގުތު އަލީ ވަހީދަށް ތަހައްމަލު ކުރަންޖެހިފައިވާ ހިތްދަތި ކަންތައްތަކުގެ ސަބަބުން އޭނާ ހުންނެވީ ނަފްސާނީ ގޮތުން ފުލުހުންގެ ސުވާލުތަކާއި ކުރިމަތިލެވޭނެ ހާލަތެއްގައި ނޫން ކަމަށެވެ.
އަލީ ވަހީދާއި އަހްމަދު އީސަ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް