ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން ދެމެހެއްޓުމަށާއި ހައްދު ޖެހުން ފަދަ ކަންކަން ހުއްޓާލައި ދީނީ މިނިވަންކަން ދިނުމަށް ގިނަ ގައުމުތަކަކުން ގޮވާލިޔަސް އެ ގޮތަށް ކަންތައް ނުކުރެވޭނެ ކަމަށް ރާއްޖެ އިން ބުނެފި އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ޖެނީވާގައި ކުރިއަށް ގެންދާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ދަށުން، ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަލަން ބޭއްވި ރިވިއުގައި ވާހަކަދެއްކި މެމްބަރު ވަރަށް ގިނަ ގައުމުތަކުގެ މަންދޫބުން ވަނީ، އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް، ދީނީ މައްސަލަތަކާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ދިވެހި ވަފުދާ ކޮށްފަ އެވެ.
އެފަދަ ސުވާލުތަކާއި ހުށަހެޅުންތައް އެންމެ ގިނައިން ހުށަހެޅީ ހުޅަނގުގެ ގައުމުތަކުން ކަމަށް ވިޔަސް، ބައެއް އަވަށްޓެރި ގައުމުތަކާއި ގައުމުތަކާއި އަދި ތަރައްގީވަމުން އަންނަ ބައެއް ގައުމުތަކުން ވެސް އެގޮތަށް ހުށަހެޅި އެވެ. އެ ގޮތުން، އެމެރިކާ އާއި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އާއި ބެލްޖިއަމް އާއި ކެނެޑާ އާއި ނޯވޭ އަދި ސްލޮވީނިއާ ފަދަ ގައުމުތަކުން ވަނީ މަރުގެ އަދަބު ނުދިނުމަށާއި ހައްދު ޖެހުން ހުއްޓާލުމަށް ރާއްޖެ އަށް ގޮވާލާފަ އެވެ. އަދި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން އެ ގޮތުގައި ދެމެހެއްޓުމަށް ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގެ އިތުރަށް އަވަށްޓެރި ނޭޕާލާއި ޔުކްރެއިނާއި މޮންޓެނީގްރޯ ފަދަ ގައުމުތަކުން ވެސް ގޮވާލި އެވެ.
އިސްލާމީ ޝަރީއަތް ތަންފީޒުކުރުމާ ގުޅޭ ގޮތުން އަމާޒުވި ހުށަހެޅުންތަކުގެ އިތުރުން، ޔޫޕީއާރުގައި ވާހަކަދެއްކި ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކަކުން ވަނީ ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމުގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި، އާއްމުކޮށް ދީނީ ކަންކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރާ އެމެރިކާ އާއި އިނގިރޭސި ވިލާތާއި ކެނެޑާ އާއި އިޓަލީ ފަދަ ގައުމުތައް ހިމެނުނަސް، އޭޝިއާގެ ގިނަ ގައުމުތަކާއި އަަރަބި ގައުމުތަކުން އެފަދަ ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
"މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތަކަށް ނުވެވޭ ގޮތަށް އޮތް އޮތުމާ މެދު ހިތާމަކުރަން،" އެމެރިކާގެ މަންދޫބު ވިދާޅުވި އެވެ.
މީގެ އިތުރުން، އެއް ޖިއްސުން ގުޅުން ހިންގުމުގެ ފުރުސަތު ރާއްޖޭގައި ނެތްކަން އެމެރިކާ އިން ފާހަގަކުރި އެވެ.
އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ދިވެހި މުޖުތަމައުގެ ބިންގަލަކަށް އިސްލާމީ އުސޫލުތައް ވެފައިވާ ކަމަށާއި އެ އުސޫލުތަކަކީ ރާއްޖޭގެ އައިޑެންޓިޓީގެ އެންމެ މުހިއްމު އަސާސް ކަމަށެވެ. އެހެންވެ، އެއް ޖިއްސުން ގުޅުން ހިންގުމާއި އެ ނޫން ވެސް އިސްލާމް ދީނާ ހިލާފު ކަންކަން ތައާރަފްކުރަން ގޮވާލާ ގޮވާލުންތައް ދިވެހިން ބަލައި ނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭރު މީހުންނަށް، ސިއްރިއްޔާތުގައި އެ މީހުންގެ ދީނީ އަޅުކަންތައް އަދާކުރުމުގެ ފުރުސަތު ރާއްޖޭގައި އޮންނާނެ. އެކަމަކު، ދިވެހިންނަށް އިސްލާމް ދީނަކީ ދިވެހި އައިޑެންޓިޓީގެ އެންމެ މުހިއްމު އަސާސް. އެކަން ބަދަލު ނުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ދުންޔާ ވިދާޅުވި އެވެ.
ދީނީ ކަންކަމާ ގުޅޭ ގޮތުން ފާޅުކުރި ކަންބޮޑުވުންތަކަށް ރާއްޖޭގެ ފަރާތުން ރައްދު ދެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސެކްރެޓަރީ އައިޝަތު ބިޝާމެވެ. ދިވެހިންގެ ވިސްނުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އިސްލާމީ އުސޫލުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަކީ ގުޅިލާމެހިފައިވާ ދެ ކަންތަކެވެ. އެހެންވެ، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކުގެ އަސާސަކީ އިސްލާމް ދީން ކަމަށް ވެފައި ވާއިރު، ދީނީ މިނިވަންކަމާއި އެއް ޖިއްސުން ގުޅުން ހިންގުން ފަދަ ކަންކަމަށް ރާއްޖޭގައި ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިޝާމް ފާހަގަކުރެއްވި ގޮތުގައި ހައްދު ޖެހުމުގެ އަދަބު ރާއްޖޭގައި ތަންފީޒުކުރަނީ ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކެއްގެ ދަށުން، އެ އަދަބު ލިބޭ މީހާގެ ކަރާމާތް ރައްކާތެރިކޮށް ދެވޭ ގޮތަށެވެ. އަދި ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް އެ އަދަބު ނުދޭ ކަމާއި އާ ގާނޫނުލް އުގޫބާތުގައި ހިމަނާފައިވާ 425 ކުށުގެ ތެރެއިން ހައްދުގެ އަދަބު ކަނޑައަޅާފައި ވަނީ އެންމެ ފަސް ކުށަކަށްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހައްދު ޖަހަނީ އަދަބެއް ދޭކަށެއް ނޫން. އެއީ ކުށުން މީހުން ދުރުހެލިކުރުމުގެ ގޮތުން ކުރާ ކަމެއް. އެކަން ކުރަނީ ވެސް ތަހުޒީބު ގޮތެއްގައި،" ބިޝާމް ވިދާޅުވި އެވެ.
ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ ޔޫޕީއާރުގައި ޝަރުއީ ދާއިރާ އާއި ސިޔާސީ ކަންކަމަށް ހުޅަނގުގެ ގިނަ ގައުމުތަކުން ފޯކަސް ކުރި އިރު، ކުރިއަރަމުން އަންނަ ގައުމުތަކާއި އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ގިނަ ގައުމުތަކުން ހުށަހެޅީ އިޖުތިމާއީ މައްސަލަތަކާ ގުޅޭ ހުށަހެޅުންތަކެވެ. އޭގެ ތެރޭގައި ދެ ޖިންސުގެ ހަމަހަމަކަމާއި ބިދޭސީ މަސައްކަތު މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި ތިމާވެށީގެ މައްސަލަތަކުގެ އިތުރަށް ތައުލީމާއި ސިއްހަތާ ގުޅުން ހުރި ކަންކަން ހިމެނެ އެވެ.
މި ރިވިއުގައި ވަރަށް ގިނަ ގައުމުތަކުން ވަނީ ރާއްޖޭން އަލަށް ތަންފީޒު ކުރަން ފަށާފައިވާ އިންސާނީ ހައްގުތަކާ ގުޅޭ ގާނޫނުތަކާއި މުއާހަދާތައް ފާހަގަކޮށްފަ އެވެ. އަދި ސައޫދީ އަރަބިއްޔާ އާއި ޗައިނާ ފަދަ ބައިނަލްއަގުވާމީ މުޖުތަމައުގައި ނުފޫޒު ފަދަ ބައެއް ގައުމުތަކުން ވަނީ ސިއްހަތާއި ތައުލީމާއި ބޯހިޔާވަހިކަން ފަދަ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމުގައި ރާއްޖޭން ހޯދާފައިވާ ކާމިޔާބީތައް ވެސް ފާހަގަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް