ލ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި 3 މީހަކު ޢުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ޝަރީޢަތުން ސާބިތުވުމާ ގުޅިގެން 2015 މެއި 06 ވަނަ ދުވަހު ޙުކުމް ކޮށްފައިވަނީ ލ. ގަން، ތުނޑި، ދިއްގަލި، އަޙްމަދު ޙަނީފާއި ލ. ގަން، ތުނޑި، ޒިއުރިކު، ޢަބްދުﷲ ޝާކީބާއި، ލ. ގަން، ތުނޑި، އެދީވިލާ، މަޢުޞޫމް މޫސާގެ މައްޗަށެވެ.
ދަޢުލަތުން އެމީހުންގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، 2010 ނޮވެމްބަރ 15 ވަނަ ދުވަހު 12:30 ހާއިރު، ލ. ގަން، ތުނޑީއަވަށު އިރުމަތީފަރާތު ވަލުތެރޭގައި މަސްތުވާތަކެތި ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދު ބަލަމުން ދަނިކޮށް ލ. ގަން، ތުނޑީ އިރުމަތީފަރާތު ހޭޅިފަށުގައި އެމީހުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ބަންދުކުރަން ތިއްބައި އެމީހުންނަށް ފުލުހުން ފެނުމުން ދުވެފައިގޮސް ފިލުމުން، ފުލުހުން އެސަރަހައްދު ބަލައި ފާސްކުރި އިރު އެތަނުގައި މަސްތުވާތަކެތި ހުރި ފިލްމު ހުސްކުރި ދަޅަކާއި ސެލޯފިންކޮޅަކާއި 4 ރަބަރު ޕެކެޓް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ދަޢުވާ ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނަނީ، މި ދަޢުވާއަށް ދަޢުވާ ލިބޭ ތިން މީހުން އިންކާރުކޮށްފައިވާކަމަށާއި އެހެންކަމުން ދަޢުވާ ސާބިތު ކުރުމަށްޓަކައި ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން، މަސްތުވާތަކެތި ފެނުނު ސަރަހައްދުގައި އެ 3 މީހުން ތިބިކަން އެނގެން އޮންނަކަމަށާއި އަދި އެ މަސްތުވާތަކެތީގެ ބަރުދަނުގައި 15.1376 ގްރާމް ކެނަބިސް ހުރިކަން އެ ތަކެތީގެ ރިޕޯޓުން އެނގެން އޮންނާތީ، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް ދަޢުލަތުން އެމީހުންގެ މައްޗަށް ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ލ. ގަން، ތުނޑި، ދިއްގަލި، އަޙްމަދު ޙަނީފާއި ލ. ގަން، ތުނޑި، ޒިއުރިކު، ޢަބްދުﷲ ޝާކީބާއި، ލ. ގަން، ތުނޑި، އެދީވިލާ، މަޢުޞޫމް މޫސާ ޢުމުރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް