ދިއްދޫގައި އުފައްދާ ލޮނުގެ ބޮޑު ޕަސަންޓޭޖެއް ޖަޕާނަަށް އެކްސްޕޯޓު ކުރަނީ

ހއ. ދިއްދޫގައި ގާއިމުކޮށްފައިވާ ލޮނު އުފައްދާ ފެކްޓަރީން، އުފައްދާ ލޮނުގެ ބޮޑު ޕަސަންޓޭޖެއް ޖަޕާނަަށް އެކްސްޕޯޓު ކުރަން ނިންމައިފިއެވެ. ރާއްޖޭގެ ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެން ދިއްދޫގ...

07 Apr 2025 | 16:53

ހއ. ދިއްދޫގައި ގާއިމުކޮށްފައިވާ ލޮނު އުފައްދާ ފެކްޓަރީން، އުފައްދާ ލޮނުގެ ބޮޑު ޕަސަންޓޭޖެއް ޖަޕާނަަށް އެކްސްޕޯޓު ކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ކުންފުންޏަކާއި ޖަޕާނުގެ ކުންފުންޏަކާއި ގުޅިގެން ދިއްދޫގައި ލޮނު ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރި ލޮނު ފެކްޓަރީގެ މަސައްކަތަށް ދިއްދޫ އިން ވަނީ 15،000 އަކަފޫޓުގެ ބިމެއް 35 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދީފައެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އެ ރަށުގައި ތަރައްގީކުރި ލޮނު ފެކްޓަރީން ތިން ވައްތަރެއްގެ ލޮނު އުފައްދާނެ ކަމަށެވެ. އޭގެ ތެރޭގައި ކެއުމަށް ބޭނުން ކުރާ ލޮނާއި، ލޮނު މަސް އެޅުމަށް ބޭނުން ކުރާ ލޮނާއި ހާއްސަ ބާވަތްތަކަށް ބޭނުންކުރާ ލޮނު އުފައްދާނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

"ލޮނު އެ މީހުން ބޭރު ކުރާނީ ޖަޕާނަށް، ދެން ރާއްޖޭގެ ރިސޯޓްތަކަށް" އަބްދުﷲ ރަޝީދު ވިދާޅުވެފައި ވެއެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ދިއްދޫ ލޮނު ފެކްޓަރީން އުފައްދާ ލޮނުގެ ބޮޑު ޕަސަންޓޭޖެއް ޖަޕާނަށް އެކްސްޕޯޓު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދިއްދޫގައި ލޮނު ފެކްޓަރީ ތަރައްޤީ ކުުރުމުގެ ކުރިން ޖަޕާނު ކުންފުނިން ވަނީ އެ ރަށުގެ މޫދުން ލޮނު ނަގައިގެން ޖަޕާނަށް ގެންގޮސް ޓެސްޓުތައް ހަދާފައެވެ. އަދި އެ ކުންފުނިން ވަނީ އެއީ ވަރަށް ރަނގަޅު ކޮލިޓީގެ ލޮނު ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް