ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަނީ ކުރީ ސަރުކާރުން އިންޖީނުގެތަކުގައި ހުންނަ ޖެނެރޭޓަރު ސެޓްތައް އެއްވެސް ވަރަކަށް ނުބަލަހައްޓައި، މެއިންޓެއިން ނުކޮށް ހުރީތީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ސެގްމަންޓްގައި ވ. ރަކީދޫ، ގުލްޒާރުހިޔާ، މޫނިސާ ދާއޫދު ރައީސަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މޫނިސާގެ ސުވާލުގައި އަހާފައިވަނީ ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ވިސްނުން ރައީސް ގެންގުޅުއްވާތޯ؟ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ފެނަކައިގެ ބުރާންޗުތަކުގަ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި ހަމައެކަނި ކުންފުނި އެތައް ސަތޭކަ މިލިޔަން ރުފިޔާއަކުން ދަރާފައި އޮތުމުގެ އިތުރުން ޖެންސެޓްތަކާ އެކި ކަހަލަ އާލާތްތައް ހުރީ އެއްގޮތަކަށްވެސް މެއިންޓެއިން ނުކޮށް ނުބަލަހައްޓާ ކަންފަތިވެފައި ކަމަށެވެ. އޭގެ ސަބަބުން އެތައް ރަށެއްގަ އެތަކެތި ބަދަލުކުރަން ޖެހިފައިވާކަމަށެވެ.
"އަޅުގަނޑުމެން އެ މަސައްކަތް ފަށައިގެން މިއުޅެނީ، އެކި ރަށްރަށުގަ ޖެނެރޭޓަރުތައް ބަދަލުކުރުމާ އާ ޖެންސެޓް ގެނައުމުގެ މަސައްކަތް މި ގެންދަނީ، ކުންފުނި ހާލަތުން އަރާ ކޮޅަށް ޖެހުމާއެކީގަ މިދެންނެވި މަސައްކަތް ކުރިއަށްގެންދަނީ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޓްރާންޒިޝަން މަރުހަލާގަ އެއްކުރި މައުލޫމާތުން އެކަންކަން އެނގުނު ހިސާބުން މަސައްކަތް ފަށައި މިހާރު ބައެއް ރަށްތަކަށް ހައްލު ގެނެވިފައިވާނެ ކަމަށާއި ކުރިއަށް އޮތް ދުވަސްވަރުގަ ފެނަކައިގެ ހާލަތު ރަނގަޅުކުރެވިގެންދާތަން ފެނިގެންދާނެކަމަށާއި އަދި ރާއްޖޭގެ ހުރިހާ ރަށެއްގަ ކަރަންޓުގެ މައްސަލައަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް