ނާޝިދު ތޮއްޕާއި އައިނު ނެގި އިރު މާސްކްވެސް ނެގިއެވެ.
"ވާނެދޯ މިރަށު ތުނޑިއާ ކުޅިތައް ބަލާލަންދާން...! އިރުއޮއްސޭއިރު ތުނޑި ސަރަޙައްދު ވަރަށް ރީތިވާން....!" ރާއިދު، ނާޝިދު އަށް ބަލާލުމަށްފަހު ބުނެލިއެވެ.
"މީހުންކިޔާ މިއީ ވަރަށް ރީތި ރަށެކޭ... އަދި މިފެނުނީ އެއަރޕޯޓުން ގެސްޓުހައުސްއަށް އައިއިރު ފެނުތަނެއް...! އެއަރޕޯޓުން އެއަންނަ މަގު ވަރަށް ރީތި.... ދެފަރާތުގައި ބޯކޮން ގަސްތައް ހެދިފަ އޮންނާތީ އަދި ވަރަށް ސަޅި.... ސައިކަލް ދުއްވާލަން އެމަގު ވަރަށް ހިތްގައިމު ވާނެ...." ނާޝިދުވެސް ރާއިދު އާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"އިރާދަކުރެއްވިއްޔާ ދަރިފުޅު ރަނގަޅު ވެގެން އެމަގުގައި ސައިކަލް ދުއްވާފައި މާލެދާނީ...." ސަމީރާ ނާޝިދު އާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
އެވަގުތަކީ ޒާހިރާ ޖޫސްތަބައް ހިފައިގެން ސިޓިން ރޫމަށް ނިކުތްވަގުތެވެ. ޒާހިރާ ތަބައް ގެނެސް ސޯފާ ކައިރީގައިހުރި ކުޑަ މޭޒުގައި ބެހެއްޓުމަށްފަހު ޖޫސްތަށިތައް ނަގާ ދިއްކުރަން ފެށިއެވެ. ފުރަތަމަ ޖޫސްތަށި ދިއްކޮށްލީ ސަމީރާއަށެވެ. އެއަށްފަހު ދެވަނަ ޖޫސްތަށި ދިއްކޮށްލީ ރާއިދުއަށެވެ. އަދި ތިންވަނަ ޖޫސްތަށި ހިފައިގެން ގޮސް ނާޝިދުއަށް ދިއްކޮށްލުމާއެކު، ޖޫސްތަށީގައި ހިފުމަށް ނާޝިދު އަތްދިއްކޮށްލިއެވެ. އެވަގުތު ޒާހިރާއަށް ނާޝިދުގެ މޫނު ފެނުމާއެކު ޒާހިރާގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެން ހީވިއެވެ. ޒާހިރާ ބިރުންގޮސް މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ނާޝިދު ޖޫސްތަށީގައި ހިފުމުގެ ކުރިން ޒާހިރާއަށް ދުރަށް ޖެހިލެވުނެވެ.
"ނާ.. ނާ... ނާޝިދު...! ނާޝިދު...!" ޒާހިރާއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.
އެވަގުތަކީ ނާޞިރުވެސް ސިޓީންގ ރޫމަށް އައި ވަގުތެވެ. ނާޞިރުއަށްވެސް ނާޝިދު ފެނުމާއެކު ބިރުން ސިހިގެން ދިޔައެވެ. ނާޝިދު ފެނުމާއެކު ޒާހިރާއާއި ނާޞިރަށް ވީގޮތް ފެނިފައި ނާޝިދު އިނީ ވަރަށް ހާސްވެފައެވެ. އަދި ސަމީރާއަށްވެސް އެކަން ފާހަގަ ވިއެވެ.
"މިއީ ނާޝިދު.... އަޅުގަނޑުގެ ހަމައެކަނި ހުރި ދަރިފުޅު....! ނާޝިދަށް މިހެން ނުހިނގިފަ ގޮނޑީގައި އިންނަތާ މިހާރު އަހަރަކާ ގާތްވަނީ....! އެހެންވެ މިރަށުގައި މިކަހަލަ ކަންކަމަށް ވަރަށް މޮޅު މީހަކު ހުންނަވާހަކަ އަޑުއިވިގެން އޭނަގެ މަޢުލޫމާތު ހޯދައިގެން މިކަމަށް ބޭސްކުރަން މިރަށަށް މިއައީ...." ޒާހިރާ އާއި ނާޞިރުގެ މޫނުމަތީގައިހުރި ބިރުވެރިކަމާއި، ކަންބޮނޑުވުން ފެނިފައި ސަމީރާ ވާހަކަ ދެއްކިއެވެ.
"އޭނ.... ކީކޭ....؟ ނާޝިދަށް ނުހިނގޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެދާނެޔޭ....؟" ޙައިރާން ވެފައިހުރެ ނާޞިރު ސުވާލު ކުރިއެވެ.
"އާނ...! މިހާރު އެހާ ދުވަސްވެދާނެ....! ވަރަށް ގިނަ މީހުންނަށް ދައްކައިގެން ފަރުވާ ކުރެވިއްޖެ...! އެކަމަކު އަދި ހަމަ އަލިމަގެއް ފެންނަގޮތެއް ނުވެ...! މިފަހަރު މިރަށަށް މިއައީ އިރާދާކުރެއްވިއްޔާ ވަރަށް އުއްމީދާއެކު....!" ސަމީރާ، ނާޝިދުގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
ނާޞިރު އާއި ޒާހިރާ އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ވާނުވާއެއް ނޭނގި ކަންބޮޑުވެފައި ސަމީރާއާއި ނާޝިދު އާއި ރާއިދު އިނެވެ.
"ކިހިނެތްވީ....؟ ހާދަކަންބޮޑުވެފައި....؟" ޒާހިރާ އާއި ނާޞިރުގެ މޫނުމަތިން ކަންބޮޑުވުން ފެންނަމުންދާތީ ސަމީރާ ސުވާލުކޮށްލިއެވެ.
"މީގެ ކުރިން ނާޝިދު މިރަށުގައި އައިންތަ....؟ ނޫނީ މިރަށުގައި އުޅުނިންތަ....؟" ތަންކޮޅެއް ދުރުގައިހުރި ޒާހިރާ ސުވާލުކޮށްލިއެވެ.
"ނާޝިދު އަދި އަލަށް މިރަށަށް އެއައީ.... އެކަމަކު ތަންކޮޅެއް ކުރިން ރާއިދު މިރަށަށް އައި.... ނާޝިދަށް ނުހިނގޭތާވެސް މިހާރު އަހަރެއް ވަނީއޭ ބުނީމެއްނު....!" ސަމީރާ، ޒާހިރާގެ ސުވާލަށް ޖަވާބުދިނެވެ.
އެވަގުތު ގެސްޓުހައުސްއަށް އައިސްވަނީ ޚާލިދުއާއި ހަސީނާއެވެ. އެމީހުންނަށްވެސް ނާޝިދު ފެނުމާއެކު ފައިދަށުން ބިންގަނޑު ކެހިގެން ދިޔަހެން ހީވިއެވެ. ހަސީނާވެސް ބިރުން ތުރުތުރު އަޅައިގަތެވެ.
"ނާޝިދު...! އަނެއްކާ...!" ހަސީނާއަށް ބުނެވުނެވެ.
"ކިހިނެތް ވެގެން މިއުޅެނީ....؟ ނާޝިދު ކިހިނެތް އެނގެނީ....؟ އަދި އަލަށޭ ނާޝިދު މިރަށަށްވެސް އެއައީ....! ކީއްވެ ނާޝިދު ފެންނައިރަށް ހުރިހާ މީހުން މާބިރުން ތިއުޅެނީ....؟" ސަމީރާ އަނެއްކާވެސް ސުވާލުކުރިއެވެ.
"ހިނގާ ޖޫސްބޯން...! ތިވާހަކަ ދައްކާނީ ފަހުން.... މީގެތެރޭގައި ވަރަށްބޮޑު ޙާދިސާއެއް ހިނގައިގެން ގޮއްސި...." ހަމަޖެހިލަމުން ޒާހިރާ ބުނެލިއެވެ.
"ކިހިނެތްވީ އަނެއްކާ...؟ ތިވާހަކަ ވަރަށް އަހާހިތްވެއްޖެ...! ވީގޮތެއް ބުނެބަލަ....؟" ނާޝިދު ވީގޮތެއް ސާފުކުރުމުގެ ގޮތުން ސުވާލުކޮށްލިއެވެ.
"ނާޝިދު ދަންނަންތަ ހުމޭދާ ކިޔާކުއްޖެއް....؟" ޒާހިރާ ނާޝިދު އާ ދިމާއަށް ބަލަންއިނދެ ސުވާލުކޮށްލިއެވެ.
ޒާހިރާ މިސުވާލު ކުރުމާއެކު ނާޝިދު ހުއްޓުން އެރިއެވެ. ދެލޮލުން ކަރުނައިގެ އަސަރު ފާޅުވެގެން ދިޔައެވެ.
"އާނ.... ކިހިނެތްވީ....؟ ހުމޭދާ ދަންނަންތަ....؟ ކޮބާ އޭނަ....؟ ކޮންތާކު އޭނައުޅެނީ.... ދުނިޔޭގައި އެބަހުރިތަ...؟ ސަމީރާ ޖޫސްތަށި ތުމުން ނައްޓާލުމަށްފަހު އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ.
ނާޝިދުގެ ލޮލުން ކަރުނަ އޮހިގަތެވެ. އެވަގުތު ރާއިދު މަޑުމަޑުން ނާޝިދުގެ އަތުގައި ހިފާލިއެވެ.
"އާނ... ހުމޭދާގެ މަންމަ މީ...." ޒާހިރާ، ސަމީރާއާ ދިމާއަށް ބަލަން އިނދެ ބުނެލިއެވެ.
އެވަގުތު ނާޝިދު އިސްއުފުލާލުމަށްފަހު ޒާހިރާއަށް ބަލާލިއެވެ. ނާޝިދުގެ މޫނުމަތިން އެތައް ސުވާލެއް ފެނިގެންދިޔައެވެ.
"ކޮބާ ހުމޭދާ....؟ ކޮބާ އޭނަ....؟ އަހަރެން ދަރިފުޅު ހަލާކުވެގެން މިދަނީ ހުމޭދާއަށްޓަކައި.... ހުމޭދާ ހޯދަން ވަރަށް މަސައްކަތް ކުރެވިއްޖެ....! ކޮބާ އޭނަ....؟" ސަމީރާ އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.
"އަލްޙަމްދުﷲ...! އެންމެ ފަހުން ނާޝިދު އާ އަހަރުމެންނާ މިދިމާވީ...! ހުމޭދާވެސް ހަލާކުވެގެން އެދަނީ ހަމަ ނާޝިދުއަށްޓަކައި... މިކަމުގެ ތެރޭގައި އެއްވެސް މީހަކު ޤަބޫލުވެސް ނުކުރެވޭފަދަ ކަންތައްތަކެއް ހުމޭދާއަށް ވަނީ ދިމާވެފައި.... އެހެން ނަމަވެސް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން އެމަންޖެ މިހާރު އެވަނީ ސަލާމަތް ވެފައި.... އެހެންނަމަވެސް އެމަންޖެގެ މޫނުމަތިން އަދިވެސް އުފާވެރިކަމުގެ އަސަރެއް ނުފެނެ...." ޙަސީނާ، ސަމީރާއާއި ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.
އެންމެންވެސް ތިބީ ވާނުވާއެއް ނޭނގިފައެވެ. ނާޝިދުގެ ހާލު އެއަށްވުރެ ބޮޑެވެ. އެއްވެސް ހިފެއްހެއްޓުމެއްނެތި ނާޝިދުގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ރާއިދު އިނީ ނާޝިދުގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
"ކޮބާ....؟ ކޮބާ...؟. ހުމޭ.... ކޮބާ ހުމޭ...؟" ނާޝިދު ހުއްޓަމުން ހުއްޓަމުން ސުވާލު ކުރިއެވެ.
"މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ހުމޭދާ ހެޔޮ ހާލުގައި އެބަހުރި....! ގެއަށްގޮސްވީ....! އިރުކޮޅަކުން މިކޮޅަށް އަންނާނެ....! ވިސްނާނެ ކަމެއް ނެތް... އިރާދަކުރެއްވިއްޔާ ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ...." މިފަހަރު ވާހަކަ ދެއްކީ ޚާލިދެވެ.
"ހުމޭދާގެ ނަންބަރު ދީބަލަ....! އަޅުގަނޑު ބޭނުން ހަމަ މިހާރު ހުމޭދާއާ ބައްދަލުކޮށްލަން.... އިތުރަށް އަޅުގަނޑަކަށް މަޑެއް ނުކުރެވޭނެ...." ނާޝިދު އިސްއުފުލާލާ ބަލާލަމުން ބުނެލިއެވެ.
"ކުޑައިރުކޮޅެއް ތެރޭގައި ހުމޭދާ އަންނާނެ....! އަންނަން ވާއިރަށް ހިނގާ ކައިގެން ތައްޔާރު ވެލައިގެން އަންނަން...." ރާއިދު ނާޝިދުގެ ގޮނޑީގައި ހިފާލަމުން ބުނެލިއެވެ.
އެންމެން އެކީ ކާ ކޮޓަރިއަށް ދިޔައިރު މޭޒުމަތީގައި ކާން ހަދާފައިހުއްޓެވެ. ކާ ތަކެތީގެ އެކިއެކި ބާވަތްތަކުން މުޅި މޭޒުމަތިވަނީ ފުރިފައެވެ.
"ކަންތައް ވީގޮތް ކިޔާދީބަލަ....!" ފެންފޮދެއް ބޯލަމުން ސަމީރު ސުވާލުކޮށްލިއެވެ.
އެންމެ ފުރަތަމަ ނާޝިދު އާއި ދިމާވި ދުވަހުން ފެށިގެން ކަންތައްތައް ވަމުންދިޔަގޮތް ވަރަށް ތަފްޞީލްކޮށް ހަސީނާ، ސަމީރާއަށް ކިޔައިދިނެވެ. އަދި ޙަސީނާއަށް ކިޔައިނުދެވޭ ތަންތަންކޮޅު ޚާލިދު ކިޔައިދެމުން ގެންދިޔައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. ނާޝިދުގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.
"ގެއަށް އައިސް ހުމޭދާ އާ ކައިވެނިކޮށްގެން އުޅުނީ ނާޝިދު ނޫންކަން އެނގުނީ މާފަހުން.... އޭނަގެ ކިބައިން ޝައްކުވާ ޒާތުގެ ކަމެއްވެސް ފެނިފައެއް ނެތް.... ނަޞީބެއް މިކަމުން ސަލާމަތް ވުމާއެކު އަސްލު ނާޝިދުއާއި ދިމާވިކަން.... އެއްވެސް އަޅަކަށް މާތް ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ...." ހަސީނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
ހުރިހާ ވާހަކައެއް ނިމުމުން ރާއިދު ދިޔައީ ނާޝިދު ގޮވައިގެން ކޮޓަރިއަށެވެ. ކޮޓަރިއަށް ގޮސް ނާޝިދު ވަރަށް ފުރިހަމައަށް ތައްޔާރު ކުރިއެވެ.
"ހާދަ ހެވިފައޭ މިހާރު ތިއިނީ....! ތިހެން އަބަދުވެސް އިންނާނެ ނަމަ....!" ދިމާކޮށްލުމުގެ ރާގެއްގައި ރާއިދު ބުނެލިއެވެ.
"ބުނަންތަ...؟ މިއަދު އަހަރެން ދެރަވެސް ވެއްޖެ.... ވަރަށް އުފާވެސް ވެއްޖެ...! އަހަންނަކަށް އަސްލަކު ނޭނގެ މިއަދު އަހަރެން ހޭންވީ ކަމެއް... ރޯންވީ ކަމެއް....! އަހަންނަށް ހުމޭގެ ކުރިމައްޗަށް އަރާނެހާ ހިތްވަރު ލިބޭނެބާ...." ރާއިދު އާއި ދިމާއަށް ބަލަން އިނދެ ނާޝިދު ބުނެލިއެވެ.
"އައްދެ...! އައްދެ....! މިހާރު ކިހިނެތް ތިވަނީ....؟" ރާއިދު މަޑުމަޑުން ނާޝިދުގެ ބޮލުގައި ޖަހާލިއެވެ.
"ދަރިފުޅާ....! އަވަސް ކޮށްލައިގެން ބޭރަށް ނުކުމެބަލަ....!" ހަސީނާ އައިސް ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ގޮވާލިއެވެ.
"ހުމޭ އައީ ކަންނޭނގެ.... އަވަހަށް ހިނގާ ބޭރަށް ނުކުންނަށް....! އެކަމަކު ތިލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓާލައިގެން ނުވާނެ...." ނާޝިދު އިން ގޮނޑީގެ އަތްގަނޑުގައި ހިފާލުމަށް ހިނގައިގަންނަމުން ރާއިދު ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 09 އޭޕްރީލް 2024، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް