މި ފޮޓޯއާއެކު ރައީސް ނަޝީދު ދެއްވަން ބޭނުންފުޅުވި މެސެޖަކީ ކޮބާ !؟

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރޭއްސުރެ އެންމެ ހޫނު ބަހުސެއް އުފެދިފައިވަނީ މި ފޮޓޯއާއި ދެމެދުގައެވެ. ފޮޓޯއިން އެ ފެންނަނީ ސިޔާސީ އެންމެ ވަރުގަދަ ދެ ހަތުރުންގެ ގޮތުގައި ސިފަ ކުރެވޭ ކުރީގެ ރައީސް މުހައްމ...

07 Apr 2023 | 10:27

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ރޭއްސުރެ އެންމެ ހޫނު ބަހުސެއް އުފެދިފައިވަނީ މި ފޮޓޯއާއި ދެމެދުގައެވެ. ފޮޓޯއިން އެ ފެންނަނީ ސިޔާސީ އެންމެ ވަރުގަދަ ދެ ހަތުރުންގެ ގޮތުގައި ސިފަ ކުރެވޭ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކެވެ.

މި ފޮޓޯ ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޓްވިޓާ އެކައުންޓުންނެވެ. މި ފޮޓޯއަކީ ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ސަރުކާރުގެ އިސް ވެރިންނަށް ދެއްވި ރޯދަވީއްލުމެއްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ.

މި ފޮޓޯ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރަސްމީ އެކައުންޓުން ޓްވީޓް ކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަމަށް މި ފޮޓޯ އައިސް މި ފޮޓޯ ވަރަށް ވައިރަލްވެފައިވާއިރު ފާހަގަކޮށްލަންޖެހޭ ކަންތައްތަކެއް އެބަ ހުއްޓެވެ.

އެއްކަމަކީ ސައޫދީ އެމްބަސީން މި ފޮޓޯ އާންމުކޮށްފައިނުވާކަމެވެ. އަނެއް ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުރުހޭ ފޮޓޯއެއް ރައްޔިތުންގެ މަޖިލީހުގެ ޓްވިޓާ އެކައުންޓުން އާންމުކޮށް ދޫކޮށް ނުލާނެ ކަމެވެ. މި ދެކަމަށް ބަލާއިރު މި ފޮޓޯއިން ރައީސް ނަޝީދު ކޮންމެވެސް މެސެޖެއް ދެއްވަން ގަސްތުކުރައްވަނީ ކަމުގައި ބެލެވެއެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމިގެންދިޔައީ ބަގާވާތަކުން ކަމާއި އެ ބަގާވާތުގެ ފަހަތުގައި ހުރީ ޑރ. ވަހީދު ކަމުގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އައީ ދެކެމުންނެވެ.

އެހެން ނަމަވެސް ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަމަށްވެފައި ރިޔާސީ އިންތިހާބަށް ބޯމަތިވާއިރު ރާއްޖޭގައި ސިޔާސީ މަސްރަހުގައި ތެލާއި ފެން އެއްވާތަން ފެނުނު މިއީ ފުރަތަމަ ފަހަރަކަށް ނުވާނެއެވެ. ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫނުވެސް ސިޔާސީ ގޮތުން އެއް ގަލަކަށް އަރާނެކަމަށް އެކަން ވުމާއި ހަމައަށް އޮތީ ގަބޫލު ނުކުރެވިއެވެ. އެހެން ނަމަވެސް އެ މަންޒަރުވެސް ފެނިގޮސް މިއަދު މި އޮތް ސަރުކާރަކީ ރައީސް ނަޝީދާއި ރައީސް މައުމޫން އެއް ގަލަކަށް އަރައި އެކުލަވާލެވިގެންދިޔަ ސަރުކާރެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް މިހާރުވެސް ދެ ކޯލީޝަނެއް އުފެދިފައިވާއިރު އެއްކޮޅުގައި މި ތިބީ ރައީސް ސޯލިހާއި ޝައިޚް އިމްރާންގެ އިތުރުން ސަން ޝިޔާމެވެ. އަނެއްކޮޅުގައި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް އެވެ.

މި ހާލަތުގައި ސިޔާސީ ގޮތުން ޑރ. ވަހީދުގެ ތާއީދު ހޯއްދެވުމަށް ގާސިމް އިބްރާހިމް އާއި ރައީސް ނަޝީދުވެސް މަސައްކަތް ކުރުމަކީ ހަމަ އެކަށީގެންވާކަމެކެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޓްވިޓާ ހޭންޑަލް މެދުވެރިކޮށް ރައީސް ނަޝީދު މި ދެއްވި މެސެޖަކީ ރައީސް ސޯލިހްގެ ވެރިކަން ނިންމަން ރައީސް ވަހީދާއެކު ކޯލީޝަން ހަދަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމުގެ އިޝާރާތެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް