ރައްދު ހަމަލާތަކެއްކަމަށްބުނެ އިޒްރޭލުން ގާޒާއާއި ލުބުނާނަށް ހަމަލާތަކެއް ދީފިއެވެ.
ވައިގެ މަގުން ދިން އެ ހަމަލާތަކަކީ އިއްޔެ ލުބުނާނު ފަޅިންނާއި ގާޒާ ފަޅިން އިޒްރޭލަށް ދިން ހަމަލާތަކުގެ ރައްދު ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. އަދި އެ ހަމަލާތައް ދީ މިހާރު ނިމިފައިވާކަމަށާއި ހަމަލާތައް ދިނީ ހަމާސް ޖަމާއަތުގެ ސަރަހައްދުތަކަށް އަމާޒުކޮށް ކަމުގައިވެސް އިޒްރޭލުން ބުނެފައިވެއެވެ.
އިއްޔެ ލުބުނާނު ފަޅިން އެކަނިވެސް އިޒްރޭލަށް 34 ރޮކެޓް ހަމަލާއެއް ފޮނުވާލާފައިވެއެވެ. އެ ހަމަލާތަކުގެ ތެރެއިން 25 ހަމަލާއެއް އިޒްރޭލުން ނާކާމިޔާބު ކޮށްލި ނަމަވެސް ނުވަ ހަމަލާއެއް އިޒްރޭލަށް އަމާޒުވެ ބަޔަކު ޒަހަމްވެސް ވިއެވެ.
ލުބުނާނުގެ ސަރުކާރުން ބުނެފައިވަނީ އެ ހަމަލާތަކަކީ ރަސްމީ ސަރުކާރާއި ގުޅުން ހުރި ހަމަލާތަކެއް ނޫންކަމަށާއި އދ ގެ ސުލްހަ ބަލަހައްޓާ ފައުޖުން އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ލުބުނާނުން އިއްޔެ އިޒްރޭލަށް ހަމަލާ ދީފައިވަނީ އޭގެ ކުރީ ދުވަހު ފަތިހުގެ ވަގުތެއްގައި އިޒްރޭލުގެ ސިފައިން މަސްޖިދުއްއަގްސާއަށް ވަދެގަނެ ނަމާދަށް ތިބި މުސްލިމުންނަށް ހަމަލާ ދިން މައްސަލައިގާ ކަމަށް ބެލެވެއެވެ.
ލުބުނާނު ފަޅިން ދިން އެ ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.
އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް ވަދެގަތުން ރާއްޖެ ހިމެނޭހެން މުސްލިމް ގިނަ ގައުމުތަކަކުން ކުށްވެރިކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް