ކޮންމެ ދުވަހެއްގެ ތާވަލުގައިވެސް އެންމެ ފުރަތަމަ ކަމަކީ ނަމާދު ކަމަށް ހަދަންޖެހޭ: އައްޝައިޚް ޙުސައިން

ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަ ކަމަކީ ނަމާދު ކަމަށް ހަދަންޖެހޭ ކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ. ޝައިޚް މިހެން ވިދާޅުވީ ” ނަމާދު- މުސްލިމާގެ ދީނާއި ދުނިޔެ” ...

07 Apr 2023 | 08:29

ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަ ކަމަކީ ނަމާދު ކަމަށް ހަދަންޖެހޭ ކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ ” ނަމާދު- މުސްލިމާގެ ދީނާއި ދުނިޔެ” މި މައުޟޫޢަށް 9 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރު ކުރައްވަމުންނެވެ.

9 ވަނަ އިޙްޔާ ފޯރަމް ގައި ތަޤްރީރު ކުރައްވާފައި ވަނީ އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު އަދި އައްޝައިޚް އަޙްމަދު ސަމީރެވެ.

މި ފޯރަމްގައި ތަޤްރީރު ކުރައްވަމުން އައްޝައިޚް ޙުސައިން ވަނީ ނަމާދުގެ މުހިންމު ކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފަ އެވެ.

އެގޮތުން މުސްލިމެއްގެ ދިރިއުޅުން ކުރިއަށް ގެންދިއުމުގައި އެންމެ އިސްކަންދޭން ޖެހޭ ތަރުތީބަށް ބައްލަވަމުން ކޮންމެ ދުވަހެއްގެ ތާވަލްގައިވެސް އެންމެ ފުރަތަމަ ކަމަކީ ނަމާދުކަމަށް ހަދަންޖެހޭކަމަށް ވިދާޅުވި އެވެ.

ނަމާދު ކުރުމަށް ކޮންމެ ދުވަހަކުވެސް އިސްކަން ދޭންޖެހޭ ކަމަށާއި އެހެން ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައަށް ބަލާލުމުން ފެންނަނީ ނަމާދަކީ ކުރަން ހުންނަ އެހެނިހެން ކަންކަން ކޮށްފައި ހުސްވަގުތެއް ލިބިއްޖެނަމަ ކުރާ ކަމެއްގެ ގޮތުގައި ކަމަށާއި އެހެން އެކަން ނުކުރުމަށް ނަސޭހަތްތެރިވަމުން ޝައިޚް ވަނީ އަބަދުވެސް ކުރާ މަސައްކަތެއް ކުރަންޖެހޭނީ، ރާވަންޖެހޭނީވެސް އެންމެ ފުރަތަމަ ނަމާދު ކުރެވޭ ގޮތަށްކަމަށް ވިދާޅުވެފައެވެ.

މިގޮތުން ތަންތަނުގެ އިސްވެރިންނާއި ކަންކަން ރާވާ ހިންގާ ބޭފުޅުންވެސް އެ ބޭފުޅުންގެ ދަށަށް ތިއްބަވާ މުވައްޒަފުންނަށް ނަމާދުކުރުމަށް ބާރުއެޅުމާއި ނަމާދު ކުރުމަށް ވަގުތު ދިނުމާއި އިމާރާތްތައް ކުރާއިރުވެސް ނަމާދުކުރެވޭނެ ތަންތަން ހަދައި ނަމާދަށް ބާރު އެޅުމަށް އިލްތިމާސް ކުރެއްވި އެވެ.

ނަމާދުކުރާ މީހާއާއި ނަމާދު ނުކުރާ މީހެއްގެ ދިރިއުޅުމަށް ބައްލަވަމުން ޝައިޚް ހުސައިން ވިދާޅުވީ ނަމާދު ނުކުރާ މީހަކާ ނަމާދުކުރާ މީހެއްގެ ތަފާތު ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި އެގޮތުން ނަމާދުކުރާ މީހާގެ ދިރިއުޅުން ވަރަށް ތަރުތީބުވާނެކަމަށެވެ.

ވަގުތަށް ނަމާދުކުރާ މީހާއަކީ ވަކި ގޮތަކަށް އޭނާގެ ދިރިއުޅުމުގެ ކަންކަން ތަރުތީބުވެގެންވާ މީހެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އަޅުގަނޑުމެންނަކީ ވަގުތަށް ނަމާދުކުރާ ބަޔަކަށްވުމަށްޓަކައި މާތްﷲގެ ހަޟްރަތުގައި ދުޢާ ދަންނަވައި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަދައަކުން އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާ ބަޔަކަށް ވެވޭތޯ ދުއާ ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ނަމާދަކީ ހުރިހާ އުންމަތަކަށްވެސް ފަރުޟުކުރެވިފައިވާ ކަމެއްކަމަށެވެ.

އެއީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށްޓަކައި މުސްލިމުން އެންމެ އިސްކަންދޭން ޖެހޭ ކަންތައްތަކަމަށާއި ނަމާދާ ނުލައި ކުރާ އެހެން އަޅުކަންތައް ގަބޫލުވެގެން ނުވާކަމަށެވެ.

ނަމާދު ނުކުރާ މީހާ ޤިޔާމަތްދުވަހު ވާނީ ފިރުޢައުނާއެކުގައިކަމަށާއި މަޙްޝަރުކުރެވޭ ހިނދު އެފަދަ ނުބައި އިންސާނަކާއިއެކު ވާން ބޭނުން ނުވާނަމަ ވަގުތަށް ނަމާދު ޤާއިމްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.

ނަމާދަކީ ކޮންމެ ޙާލެއްގައިވެސް ކުރަން އަމުރު ކުރައްވާފައިވާ އަޅުކަމަށް ވާއިރު ވަގުތަށް ނަމާދު ކުރުމަކީ އެއީ މާތް ﷲގެ ހަޟްރަތުގައި އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަންކަމަށް ވިދާޅުވިއެވެ.

ނަމާދަށް ރައްކާތެރިވާ މީހާއަށް އެއީ ނޫރެއް، ޙުއްޖަތެއްކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ސަމީރު ވަނީ ސުލޫކީ ގޮތުން ނަމާދުގެ ދައުރު މުޖުތަމަޢުގައި އޮންނަގޮތަށާއި، ނަފްސާނީ ދުޅަހެޔޮކަމާ ނަމާދާ އޮންނާ ގުޅުމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން މި ފޯރަމްގައި ސިއްޙީ ދުޅަހެޔޮކަމާއި ނަމާދާ ހުރި ގުޅުމާ ގުޅޭ ގޮތުން ތަޖުރިބާކާރު ޑޮކްޓަރެއްގެ ބަސްކޮޅެއްވެސް ވަނީ ހިމަނާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް