ބްރެޒިލްގެ އަމިއްލަ ޕްރީ ސްކޫލެއްގެ ތެރެއަށް މީހަކު ވަދެ ކޯރާޑިއަކުން ހަމަލާދީި ހަތަރު ކުދިން މަރާލައިފި އެވެ.
މި ހާދިސާ ހިނގީ އެ ގައުމުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ބްލޫމޭނައުގައި އެވެ. ހަތަރު ކުދިން މަރުވުމުގެ އިތުރުން އެވަގުތު ސްކޫލްގައި ތިބި ހަތަރު މީހަކު ޒަހަމްވެފައިވެ އެވެ.
މި ހާދިސާގައި މަރުވީ ތިން ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. އެކުދިންގެ އުމުރަކީ5-7 އަހަރާއި ދެމެދެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލައިގަ ހައްޔަރު ކުރީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ. އެމީހާ ސްކޫލްތެރެއަށް ވަނީ ސެކިއުރިޓީން ހުރަސް އަޅަމުންދަނިކޮށް ގަދަކަމުން ކުއްލިއަކަށް ކަހަލަ ގޮތަކަށް ކަމަށެވެ.
އޭނާ ބޭނުންވި ގޮތަށް ހަމަލާ ދެވުމުން އަމިއްލައަށް ވަނީ އެ ސިޓީގެ ފުލުހުންނާއި ހަވާލުވެފައި އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުންނެވެ.
މި ހާދިސާ ކުށްވެރިކޮށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ވަނީ ޓުވީޓު ކުރައްވާފައި އެވެ. އަދި މަރުވި ކުދިންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް