ހަމުގެ ސީރިއަސް ބައްޔެއް ތަހައްމަލް ކުރަމުން ދިޔަ ޔޫސުފް ލަޔަކް ނިޔާވުމުން ލަޔަކްގެ އޮކްސިޖަން މެޝިން ފަދަ ތަކެތި އާއިލާއިން ފުވައްމުލައް ހޮސްޕިޓަލަށް ހަދިޔާކޮށްފި އެވެ.
ލަޔަކް ނިޔާވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ ހެނދުނު އެވެ. އުމުރުން އެއް އަހަރުގައި ލަޔަކް ނިޔާވިއިރު އުފަންވީއިރު އެ ތުއްތު ދަރިފުޅަށް ވަނީ ހާލެކުއިނިކް އިޗްތިއޮސިސް ނަމަކަށް ކިޔާ ހަމުގެ ބައްޔެއް ޖެހިފަ އެވެ.
ފުވައްމުލައް ހޮސްޕިޓަލުން މިއަދު ބުނީ އާއިލާގެ ފަރާތުން ހޮސްޕިޓަލަށް ހަދިޔާ ކުރީ ލަޔަކް ބޭނުން ކުރި އޮކްސިޖަން ކޮންސެންޓްރޭޓާ އާއި ޕަލްސް އޮކްސިމީޓާ ކަމަށެވެ. މިތަކެތި ހަދިޔާ ކޮށްދިނީތީ ލަޔަކްގެ އާއިލާއަށް އެ ހޮސްޕިޓަލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަދި ލަޔަކްގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރުން އެދި ދުއާ ކޮށްފަވެ އެވެ. މިތަކެތި ހޮސްޕިޓަލާއި ހަވާލުކޮށްދީފައިވަނީ ލަޔަކްގެ ބޭބެ އެވެ.
https://twitter.com/dhuvasmv/status/1511594228316528643
ލަޔަކްގެ ބައްޔާއި ގުޅޭގޮތުން މީޑިއާގައި ވާހަކަދައްކަމުން މަންމަ ހައްވާ އުލާ މީގެ ކުރިން ބުނެފައިވަނީ ލަޔަކް ފެންވަރުވާ ގަޑީގައި ބަލީގެ ސަބަބުން ގައިން ހަންގަނޑު ނެއްޓެ އެވެ. އަދި ހަން ބޯވެ، ކުރަކިވެ އެ ހަންތައް ނެއްޓޭތީ ބައެއް ފަހަރު ގައިން ލޭ ވެސް އަންނަ ކަމަށެވެ.
އުލާގެ ދެމަފިރިން ވަނީ މާބޮޑު ފަރުވާއެއް ނެތް މި ބަލިން ލަޔަކް ސަލާމަތް ކުރުމަށް ބުރަ މަސައްކަތްތަކެއް މީހުންގެ އެހީތެރިކަމާއި އެކު ފަހު ވަގުތާއި ޖެހެންދެންވެސް ކޮށްފަ އެވެ. އެގޮތުން މީޑިއާގައި ބަލީގެ ވާހަކަ ދެއްކުމުގެ އިތުރުން ލަޔަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ހިންގި ކެމްޕެއިނުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.
އުލާގެ ދެމަފިރިންގެ އަލަތު ދަރިފުޅު ވެސް ވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން ހަމަ އެ ބަލީގައި ނިޔާވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް