މާލޭގެ މަޝްހޫރު ފޯނު ވިއްކާ ފިހާރައަކަށް ސައްހަ ނޫން ބޭންކް ސްލިޕެއް ފޮނުވައި އޮޅުވާލައިގެން އެ ފިހާރައިން ފޯނެއް ގަތް މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މާލޭގެ ފިހާރައަކުން ފޯނެއް ގަތުމަށް އެ ފިހާރައިގެ ވައިބާ ނަމްބަރަށް މެސެޖުކޮށް، އެ ފޯނު އޭނާ ބުނި ތަނަށް ޑެލިވާ ކުރުމުން، އެ ފޯނަށް ފައިސާ ދެއްކިކަން ދެއްކުމަށް، 13،550ރ.ގެ ސައްހަ ނޫން ބޭންކް ސްލިޕެއް ދައްކައި އޮޅުވާލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ހދ. ނޭކުރެންދޫ، ވިނަރެސް، އާދަމް ވިޝާންގެ މައްޗަށެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފައެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ފޯރުވުމުގެ ކުށުގެ ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ތެދުކަމަށް އެންގިކަމުގެ ކުށުގެ ދައުވާ އާދަމް ވިޝާންގެ މައްޗައް އުފުލާފައި ވެއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އިއްވުމާއެކު ކުށަށް އިއުތިރާފުވުމާއެކު ވީހާވެސް ލުއި އަދަބެއް ދިނުމަށް އޭނާގެ ފަރާތުން ވަނީ ޝަރީއަތުގައި އެދިފައެވެ.
އަދި އިއުތިރާފާއެކު އޭނާގެ ކުށުގެ ރެކޯޑަށް ބަލައި، އަދަބު ވަނީ އެއް ދަރަޖަ ލުއި ކޮށްފައެވެ.
އެހެންކަމުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގެ ކުށަށް އޭނާއަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ތިން މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލާން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް