ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށްގިރުމުގެ މައްސަލައާއި ޞިއްޙީ މަރުކަޒު ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާކަމާއި އަދި ސްކޫލާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރަށުގެ ޒުވާނުންނާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ބަނދަރާއި ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގައި ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު ޙައްލުގެނެވޭނެ ގޮތްތައް ނިންމަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިރަށެއް ތަފާތުކުރުމެއްނެތި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމުކަންކަން ސަރުކާރުން ކޮށްދެއްވަމުން ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް