އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ބުނީ މި މުބާރާތުގައި ބައިވަރިވާން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 17 ވަނަދުވަހުގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މި މުބާރާތުގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަކޮށް އެކަޑަމީން އެކުލަވާލާފައިވާ ގޫގަލް ފޯމެއް މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އެ އެކަޑަމީން ހާމަކޮށްފައި ވެއެވެ.
ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ބަހާލެވިފައިވާ ބައިތައް:
- ސްކޫލުތަކުގެ ބައި (ދަށު ސާނަވީ، ސާނަވީ، މަތީ ސާނަވީ)
- މަތީ ތަޢުލީމުގެ ބައި (ޔުނިވަރސިޓީ، ކޮލެޖް، އިންސްޓިޓިއުޓް، އެކެޑަމީ)
- އަމިއްލަ ފަރާތްތަކުގެ ބައި (18 އަހަރުން ދަށުގެ އުމުރުފުރާ، 18 އަހަރުން މަތީގެ އުމުރުފުރާ)
- އޮފީސް، ކުންފުނި، ކުލަބު، ޖަމިއްޔާ، ޖަމަޢާތްތަކުގެ ބައި
މި މުބާރާތުގައި ވާހަކަދެއްކުމަށް ކަނޑައެޅިފައިވާ ދާއިރާތަކަށް ބަލާލާއިރު، ދަށު ސާނަވީ އުމުރުފުރާގެ ބަޔަށް ޚާއްސަކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތު، ޤައުމީ ލޯބި، ތާރީޚާއި ތަރިކަ، އަދި ދިވެހިރާއްޖެ، އާ ގުޅުން ހުރި މައުޟޫޢުތަކަށެވެ.
ސާނަވީ އުމުރުފުރާއާއި އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށުގެ އުމުރުފުރާގެ ބަޔަށް ޚާއްސަކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތު، ތާރީޚާއި ތަރިކަ، އިޤްތިޞާދު، އަދި އިޖްތިމާއީ ވެއްޓާގުޅުންހުރި މައުޞޫޢުތަކެވެ.
މީގެ އިތުރުން މަތީ ސާނަވީ އުމުރުފުރާއާއި، އަމިއްލަ ފަރާތްތަކުގެ ބައިގައި ހިމެނޭ 18 އަހަރުން މަތީގެ އުމުރުފުރާއަށް ވާހަކަދެއްކުމަށް ކަނޑައެޅިފައިވަނީ ދިވެހިބަހާއި އަދަބިއްޔާތާއި، ބަވަނަވުން، ތާރީޚާއި ތަރިކަ އަދި އަދުގެ ދުނިޔެ، މިދާއިރާތަކާއި ގުޅުންހުރި މައުޞޫޢުތަކަށެވެ.
ވާހަކަދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ހިމެނޭ އޮފީސް، ކުންފުނި، ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ބަހުސް މުބާރާތެއްގެ ގޮތުގައެވެ. ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް ކުރިއަށްދާނީ ސާނަވީ ގިންތި ފިޔަވާ ދެންހުރި ބައިތައް މޭ 9 އިން 23 އަށެވެ. އަދި ސާނަވީ ގިންތީގެ ބައި އޮންނާނީ ޖޫން 22 އިން 30 އަށެވެ.
ދިވެހިި ބަހުގެ އެކަޑަމީން ވަނީ މި މުބާރާތުގެ ވަކިވަކި ދާއިރާތަކުގެ ގަވާއިދުތަކާއި، ވާހަކަދައްކަންޖެހޭ ދާއިރާތަކުގެ ތަފްޞީލު އެ އެކެޑަމީގެ ވެބްސައިޓުގައި މިހާރު އާއްމުކޮށްފައެވެ.
މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޞޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން ހަތް ދުވަސް ކުރިން އެކަޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް ދިވެހިބަހުގެ އެކެޑަމީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް