ހިޔާ ފްލެޓުތަކުން ކުލި ނެގުން ފަސްކޮށްދޭން އެދި މަޖިލީހަށް

ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދިނުމަށް ގޮވާލައި ޕީއެންސީ ނައިބު ރައީސް، އަދި މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު އާދަމް ޝަރީފު މަޖިލީހަށް މައްސަލައެއް ހުށަހަޅައ...

07 Apr 2022 | 06:08

ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދިނުމަށް ގޮވާލައި ޕީއެންސީ ނައިބު ރައީސް، އަދި މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލިސް މެމްބަރު އާދަމް ޝަރީފު މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އާދަމް ޝަރީފު ހުށަހެޅި އެ މައްސަލައިގައި ވަނީ، ހިޔާ ފްލެޓްތައް މީހުންނާ ހަވާލުކުރިއިރު ސަރުކާރުން އެންގިގޮތަށް ތިން މަސް ދުވަހުގެ ތެރޭގައި އެތަންތަނުގައި ދިރިއުޅެން ފެށޭތޯ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ފްލެޓްތައް ހަވާލުކުރިއިރު ފިނިޝިން ނުނިންމާ ހުރުމުގެ ސަބަބުން އެތަންތަން ލިބުނު ގިނަ ފަރާތްތަކުން ދަރަންޏަށް ތަކެއްޗާއި ފައިސާ ނަގައި، އެ ދަރަނިތައް ބޮލުގައި އަޅަންޖެހިފައިވާ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ފަރާތްތަކަށް މާލީ އެހީތެރިކަން ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައިނުވާއިރު، އެހެން ލޯނެއް ވެސް ލިބޭނެ އިންތިޒާމެއް އެފަރާތްތަކަށް ހަމަޖައްސައިދެވިފައި ނެތް ކަމަށެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާއި ތަދުމަޑުކަމަށްފަހު، މާލީގޮތުން ރައްޔިތުންނަށް އަރައިނުގަނެވެނީސް ރޯދަ މަސް ފެށުމާއެކު ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހުމުން ވަރަށް ގިނަ ބަޔަކަށް މާލީގޮތުން ގިނަގުނަ ދަތިތައް ކުރިމަތިވެފައި ކަމަށެވެ.

މީގެ އިތުރުން ކުލި ނުދައްކައިފިނަމަ ޖޫރިމަނާ ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމުމަކީ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ކުރިމަތިލާން ޖެހޭ އިތުރު ތަކުލީފެއް ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ހުށަހަޅާ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އެޗްޑީސީން ވަނީ މިމަހުގެ އެއް ވަނަ ދުވަހު ފްލެޓްތަކުން ކުލިނަގަން ފަށައިފައިވާ އިރު މަހު ކުއްޔެއް ގޮތުގައި ނަގާނީ 7،500ރ. އެވެ. ނަމަވެސް ސާވިސް ފީއާއެކު ޖުމުލަ 8،500ރ. ދައްކަން ޖެހެ އެވެ.

ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ަރުކާރުން ކަނޑައަޅާފައިވާ ކުލި ކުޑަ ކުރުމަށް ގޮވާލާ އެކަމަށްޓަކައި 1،500 މީހުން ސޮއިކޮށް ޕެޓިޝަނެއް ވެސް ވަނީ އެޗްޑީސީ އަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެޗްޑީސީން ބުނީ މިހާރު ކަނޑައެޅިފައިވާ އަދަދަށް ވުރެ ކުލި ކުޑަނުކުރެވޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް