ކޯޓު އަމުރެއްގެ ދަށުން އަލީމްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް

ރައީސް މައުމޫން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް، އަބްދުލް އަލީމްގެ ފޯނުތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. އަލީމްގެ ފޯނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި...

07 Apr 2017 | 18:43

ރައީސް މައުމޫން ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް، އަބްދުލް އަލީމްގެ ފޯނުތައް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އަލީމްގެ ފޯނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެކަމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ މައްސަލައިގެ ބާވަތަކީ ރިޝްވަތު ދިނުން އަދި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު  ރައީސްގެ ރުހުން އޮތްތޯ ބެލުމަށް، ނެގުމަށް ތާވަލްކޮށްފައިވާ ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށަހަޅަމުން ދާކަމުގެ މައުލޫމާތު ލިބިފައިވާތީ، ސިޔާސީ ފަރާތްތަކުން ދިވެރިރާއްޖޭގެ ރައްޔިތުންގެ މަޖިލިސްފަދަ މިނިވަން ބާރަކަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތްތަކުގަ ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް، އެފަދަ ފަރާތްތަކަށް ފައިސާ ހަވާލުކުރަމުންދާކަމަށް ތުހުތުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ހެކި ގަރީނާ ހޯދުމަށް ކަމަށެވެ.

އެކަމަށް ލިބިފައިވާ ހެއްކާއި ގަރީނާއަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ކަމަށް ފުލުހުން ބުނެފައިވާއިރު "އަބްދުލް އަލީމް ބޭނުންކުރާ މޯބައިލް ފޯނުތަކާއި، އެ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑު ތަކާއި، މެމޮރީ ކާޑުތައް ހިފަހައްޓާ، އެތަކެތީގައިވާ ހުރިހާ މައުލޫމާތު (ޑާޓާ) އާއި، އެ ފޯނުތަކުން ކޮށްފައިވާ ހުރިހާ ފޯނުކޯލުތަކާއި މެސެޖޖުތަކުގެ ތަފްސީލާއި އަބްދުލް އަލީމްގެ ފޯނުތަކަށް ލިބިފައިހުރި ހުރިހާ ފޯނުކޯލުތަކާއި މެސެޖުތަކުގެ ތަފްސީލާއި އަބްދުލްއަލީމުގެ ފޯނުތަކުން ކޮށްފައިވާ ހުރިހާ މުވާސަލާތީ މުއާމަލާތްތައް ހޯދުމަށްޓަކައި ފުލުހުން ބޭނުންވާ ހުރިހާ ތަކެއްޗާއި ހުރިހާ މައުލޫމާތު (ފޯނާއި އިލެކްޓްރޯނިކްސް ސާމާނުގެ ޕިން ނަންބަރު، ލޮކް ކޯޑު، ލޮކް ޕެޓާން، ފިންގަރޕްރިންޓްފަދަ) ފުލުހުންނަށް ދިނުމަށް އަލީމުގެ މައްޗަށް އަމުރު ކުރާކަމަށް އެ އަމުރުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް