ކުރިން ހުއްދަ ހޯދުމަކާ ނުލާ މުޒާހަރާ ކުރާނަމަ ނުވަތަ އެއްވުމެއް ބާއްވާނަމަ އެ އެއްވުމެއް ބޭއްވޭނީ ކާނިވާ ސަރަހައްދުގައި ކަމުގައި ކުރިން ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާއިރު ކުރިން އެންގުމަކާ ނުލާ އެ ނޫން ސަރަހައްދެއްގައި ބޭއްވޭ އެއްވުންތައް ގާނޫނީ އިމުގެ ތެރެއިން ހުއްޓުވާނޭ ކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ގާނޫނު ނަންބަރު 2013/1 ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެވިފައިވާ 1 ވަނަ އިސްލާހުގައި ބަޔާންވެގެންވާފަދައިން، އެ ގާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައިވީނަމަވެސް، މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުންދޭ ހުއްދައާއި އެކު ފިޔަވައި ދިވެހިރާއްޖޭގެ ވެރިކަންކުރާރަށް މާލޭގައި އެއްވުމެއްބޭއްވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ އިއުލާންކުރާ ތަންތަނުގައި އެކަންޏެވެ. މިގޮތުން މި ސާވިސްއަށް ކުރިން އެންގުމަކާނުލާ ވެރިކަންކުރާ ރަށް މާލޭގައި އެއްވުން ބޭއްވޭނީ ހެންވޭރު، އަލިމަސް ކާނިވަލް ސަރަހައްދުގައިކަން މިނިސްޓްރީ އޮފް ހޯމް މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައި ކަމަށެވެ.
"އެއްވުން އިންތިޒާމްކުރާ ފަރާތްތަކުން އެއްވެއުޅުމާބެހޭ ގާނޫނާއެއްގޮތަށް އަމަލުކުރެއްވުމަށް ދަންނަވަމެވެ. އަދި މި ގާނޫނާ ހިލާފަށް އިންތިޒާމް ކުރެވޭ އަދި ބޭއްވޭ އެއްވުންްތައް ގާނޫނީ އިމުގެ ތެރެއިން ހުއްޓުވޭނެވާހަކަވެސް ދަންނަވަމެވެ." ފުލުހުންގެ ނޫސްބަޔާނުގައި ބުނެފައި ވެ އެވެ.
ފުލުހުން މިފަދަ ބަޔާނެއް މިއަދު ނެރެފައިވާއިރު އިއްޔެ ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރި ވަގުތު އެ ސަރައްދުގައި އިދިކޮޅު ފަރާތްތަކުން ވަނީ މުޒާހަރާ ކޮށްފަ އެވެ. ފުލުހުން އެ އެއްވުން ރޫޅާލުމުގައި ޕެޕަރ ސްޕްރޭ ބޭނުން ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް