ދުނިޔޭގައި ވިހާ މުސްލިމު ކުދިންގެ އަދަދު 2035 ވަނަ އަހަރު އަންނައިރު ދުނިޔޭގެ އެހެން ހުރިހާ ދީންތަކެއްގައި ވިހާ ކުދިންގެ އަދަދަށްވުރެ އިތުރުވާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އެމެރިކާގެ ރިސާޗް ސެންޓަރ އެއްކަމަށްވާ "ފިއު ރިސާރޗް ސެންޓާރ"އިން ހެދި މި ދިރާސާއިން ދައްކާގޮތުގައި ކުރިއަށް އޮތް 20 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔޭގައި އެންމެ އާބާދީ ބޮޑު އެއް ދީނަކަށްވާނީ އިސްލާމް ދީނެވެ.
މިހާރު ދުނިޔޭގައި އެންމެ ބޮޑު އާބާދީއެއް އޮތީ ކްރިސްޓިއަނުންގެއެވެ. އެއީ ދުނިޔޭގެ މިހާރުގެ އާބާދީ ކަމުގައިވާ 7.3 ބިލައަން މީހުންގެ ތެރެއިން ތިންބައި ކުޅަ އެއްބައި މީހުނެވެ. 1.8 ބިލިއަން މީހުންގެ އާބާދީއާއެކު އިސްލާމް ދީން އޮތީ ދުނިޔޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ދީނުގެ ގޮތުގައެވެ.
ދިރާސާއިން ދައްކާ ގޮތުގައި ދުނިޔޭގައި ތިބި އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހުންގެ އާބާދީ ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް ދަށަށްވެގެން ދާނެއެވެ. ސަބަބެއް ކަމަށް ބަޔާންކޮށްފައިވާނީ މި މީހުންގެ ތެރޭގައި ކުދިން ވިހާ އަދަދު ވަރަށް މަދުވުމެވެ. އެތީސްޓް އަދި އެގްނޯސްޓިކް ފަދަ އެއްވެސް ދީނެއް ގަބޫލު ނުކުރާ މީހުންގެ އާބާދީ ވަރަށް ބޮޑަށް ކުޑަވެ، ނެތިކަން ހިނގަދާނެކަމަށްވެސް މި ދިރާސާގައިވެއެވެ.
ފިއު ރިސާރޗް ސެންޓަރގެ ފެކްޓް ޓޭންކުން ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މުސްލިމުންގެ އާބާދީ ހަލުވި ބާރުމިނެއްގައި ކުރި އަރައިގެން ދާނެއެވެ. 2010 އަކާއި 2015 ވަނަ އަހަރާއި ދެމެދު ދުނިޔޭގައި ވިހޭ ކުޑަކުދިންގެ ތެރެއިން 31 އިންސައްތަ ކުދިންނަކީ މުސްލިމު ކުދިންކަމަށް ފެކްޓް ޓޭންކްގެ ހިސާބުތަކުން ދައްކައެވެ.
ދުނިޔޭގައި ކްރިސްޓިއަނުންގެ އާބާދީވެސް އިތުރުވަމުން އަންނަކަމަށާއި، އެހެން ނަމަވެސް އިތުރުވާ ބާރުމިން މުސްލިމުންނަށްވުރެ ކުޑަކަމަށް ފެކް ޓޭންކްގެ ހިސާބުތަކުން ދައްކައެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އުފަންވި ކުދިންގެ ތެރެއިން 33 އިންސައްތަ ކުދިންނަކީ ކްރިސްޓިއަން ކުދިންނެވެ.
ފިއު ރިސާރޗް ސެންޓަރއިން ބުނާ ގޮތުގައި ކްރިސްޓިއަނުންގެ އާބާދީ ކުޑަވެގެންދަނީ ދޮށީ އުމުރުގައި މަރުވާ މީހުންގެ އަދަދު އިތުރުވުމާއި ވިހާ ކުދިންގެ އަދަދު ދައްވަމުންދާތިއެވެ. 2010 އަކާއި 2015 އާއި ދެމެދު ޖަރުމަނުން އެކަނިވެސް ލަފާކުރެވޭ ގޮތުގައި 1.4 މިލިއަންއަށްވުރެ ގިނަ ކްރިސްޓިއަން މީހުން މަރުވިއެވެ. މިއީ އެ ޤައުމުގައި ކްރިސްޓިއަނުން އުފަންވާ އަދަދަށް ވުރެ ގިނަ އަދަދެކެވެ.
2030 އާއި 2035 ވަނަ އަހަރާއި ދެމެދު މުސްލިމުންގެ އާބާދީއަށް 225 މިލިއަނަށް ވުރެ ގިނަ މީހުން އިތުރުވާނެކަމަށް ލަފާކުރެވިފައި ވާއިރު، ކްރިސްޓިއަނުންގެ އާބާދީއަށް 224 މިލިއަނަށް ވުރެ ގިނަ މީހުން އިތުރުވެގެންދާނެ ކަމަށް މި ދިރާސާގައިވެއެވެ. އަދި 2060 ވަނަ އަހަރާއި ހަމައަށް ދާއިރު ދުނިޔޭގައި މުސްލިމުންގެ އާބާދީ ކްރިސްޓިއަނުންގެ އާބާދީއަށްވުރެ ހަ މިލިއަން އިތުރުވެގެންދާނެ ކަމަށް ލަފާކޮށްފާވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް