ދިވެހިން ކިޔާ ގޮތުން ނަމަ އަނެއްކާވެސް މިއޮތީ ދަންޖެހުމުގެ މޫސުން އައިސްފައެވެ. ދުވާލަކު މަރެއް މިދަނީ ރިޕޯޓް ކުރެވެމުންނެވެ. ހެދުނު އެންމެ ފުރަތަމަވެސް ބޮޑު ހަބަރެއްގެ ގޮތުގައި ފެނިގެން އެ ދިޔައީ އުމުރުން އެންމެ އަށާރަ އަހަރުގެ ޒުވާނަކު އަމިއްލައަށް ދަންޖެހިގެން މަރުވި ޚަބަރެވެ. ދިވެހި މުޖުތަމަޢައް މިވަނީ ކީއްތޯއެވެ..؟ ވިސްނައިލީމުތޯ އެވެ..؟ މިކަމާ ފިކުރުކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތަށް މީހުންތޯ އެވެ..؟
އަޅުގަނޑުމެން އެންމެނަނަށްވެސް މި ދެއްކެނީ މިވެނީ މީހެއް ދަންޖެހިއްޖެ ވާހަކައެވެ. އަމިއްލައަށް މަރުވާ ވާހަކަ އެވެ. އެއްފަހަރުވެސް މިފަދަ ކަންކަން މިހެން ދިމާވާންވީ ކީއްވެތޯ ނޫނީ މީ ކިހާ ފާފަވެރި ކަމެއްތޯ ކަމާމެދު ވިސްނާލަނީ ތިޔައިގެ ތެރެއިން ކިތަށް މީހުންބާވައެވެ..؟
ނަފުސާނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަމިއްލަޔަށް މަރުވުން ނުވަތަ ދަންޖެހުމަށް އިންސާނާ މެދުވެރިވާ އެއް ސަބަބަކީ އެ އިންސާނާ މާ ބޮޑަށް ޑިޕްރެސްވެ، ތިމަންނަ އެހުރި ހާލަތަކުން އެއްވެސް މީހަކަށް ސަލާމަތް ކޮށް ނުދެވޭނޭ ކަމަށް ޤަބޫލް ކުރެވުމެވެ. ނޫނީ އަމިއްލަ ނަފުސަށް އެ އޮންނަން ޖެހޭ އިތުބާރު ގެއްލުމެވެ. އެ ފަދަ މީހުން ޤަބޫލު ކުރާ ގޮތުގައި ދުނިޔެ މަތީގައި ދެން އެ މީހަކަށް ލިބޭނޭ އުފަލެއް ނެތެވެ. ނަމަވެސް ހުރިހާ ޢިލްމުވެރިން ވިދާލުވާ ގޮތުގައި އެއީ އެފަދަ މީހުންނަށް ޤަބޫލުކުރެވޭ ކުންހީ އެކެވެ. ސަބަބަކީ ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނާނެތީ އެވެ.
އަމިއްލައަށް މަަރުވުމަކީ އަޅުގަނޑުމެންގެ އިސްލާމިދީނުގައި ވަރަށްވެސް ބޮޑަށް ޙަރާމްކުރައްވާފައިވާ ކަމެކެވެ. އެ ގޮތުން ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
"ތިޔަބައިމީހުންގެ އަމިއްލަ ހަށިތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ." އެހެންކަމުން އަމިއްލައަށް މަރުވުން، އަމިއްލަ ނަފުސަށް ގެއްލުން ދިނުން ނުވަތަ މަސްތުވާތަކެތި ފަދަ އެއްޗެހި ބޭނުން ކުރުން މިއީ އަޅުގަނޑުމެންގެ ދީނުގައި ހުއްދަ ކަންކަމެއްނޫން ކަން އެނގެއެވެ.
ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ." މަސްތުވާއެއްޗެއް ނުވަތަ ޒަހަރެއް ބޮއެގެން މަރުވާ މީހާ ނަރަކައިގައި އޭނާ އެ އެއްޗަކުން އިސްތިޢުމާލު ކުރާ ހާލުގައި ޢަޒާބު ލިބެމުންދާނެއެވެ. އަދި ހަންޖަރަކުން އޭނާގެ ނަފްސު ކަތިލައިފި މީހާ އެ ޙާލަތުގައި ނަރަކައިގައި ޢަޒާބު ލިބެމުންދާނެއެވެ."
މި ޙަދީޘުން އަޅުގަނޑު މެންނަށް އެނގިގެންދަނީ އަމިއްލަޔަށް މަރުވުމަކީ ވޭންދެނިވި ޢަޒާބު އަމިއްލައަށް މަރުވާ މީހުންނަށް ހުރި ކަމެއް ކަމެވެ. އަދި އެފަދަ މީހުންނަށް ހުރި ތަނަކީ ކަނޑައެޅިގެން ނަރަކަ ކަމެވެ.
އެހެންކަމުން މިފަދަ ޢަމަލް ތަކުން އަޅުގަނޑުމެން ދުރުވެ ގަންނަން ޖެހެއެވެ. އެނގި އެނގި ތިބެ އަޅުގަނޑުމެންގެ ނަފްސު ނަރަކައިގެ ވޭންދެނިވި ޢަޒާބުގެ ތެރެޔަށް އެއްލާ ނުލާންވީ އެވެ. އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަކޮށް މާތް ﷲ ޙަޒުރަތުން އުންމީދު ކަނޑައިނުލާން ވީ އެވެ.
ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ކެއްތެރިކަމާ އެކު ކުރިމަތިލުމަށް މަސައްކަތް ކުރާށެވެ. ހިތްދަތި ކަމެއް ނުވަތަ އެފަދަ އެހެންކަމެއްވެސް ދިމާވެއްޖެ ނަމަ ތިމާޔަށް ޢިތުބާރު ކުރެވޭ ގާތް މީހަކާ ހިއްސާ ކުރާށެވެ. އެއްވެސް މީހަކީ އެކަނިވެރިޔެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް