ޤާސިމް މިނިވަންކުރުމަށް ސިޔާސީ ފަރާތްތަކަކުން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާތީ އޭނާ ދޫކޮށްލުމަށް ކުރީގެ 2 ރައީސުންނާއި އިތުރު ސިޔާސީ ފަރާތްތަ...

07 Apr 2017 | 06:52

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާތީ އޭނާ ދޫކޮށްލުމަށް ކުރީގެ 2 ރައީސުންނާއި އިތުރު ސިޔާސީ ފަރާތްތަކުން ގޮވާލައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ޤާސިމް އިބްރާހިމް މިރޭ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ މ. މާފަންނުވިލާ ގޭގައި ހުންނަވަނިކޮށެވެ. ޤާސިމް މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައެވެ.

ފުލުހުން ބުނީ ޤާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވައިގެން މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކުރި ކަމަށް ބުނެ ކުރާ ތުހުމަތުގެ ތަހުގީގަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މައްޗަށް ނަގަން އުޅޭ ވޯޓަށް ނުފޫޒް ފޯރުވުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ޤާސިމް ހައްޔަރުކުރީ ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމާއި ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ކުރާއްވާ ކަމަށް ތުހުމަތު ކުރެވިފައި ވާތީއެވެ. އެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެތީ އާއި އޭނާ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށް ތަހުގީގަށް ފެންނާތީ ކަމަށެވެ.

ޤާސިމް ހައްޔަރުކުރުމުން އޭނާ މިނިވަން ކުރުމަށް ގޮވާލައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާސިމް ހައްޔަރު ކުރި ޚަބަރު އެއްސެވީ ކުއްލި ސިހުމަކާއެކު ކަމަށާއި ޤާސިމް ވަގުތުން ދޫކޮށްލަން ޖެހޭކަމަށެވެ. އަދި ޤާނޫނީ ވެރިކަން ދަމަހައްޓަން ޖެހޭނެކަމަށްވެސް ވިދާޅުވެފަވެއެވެ.

https://twitter.com/maumoonagayoom/status/850036701623758848

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޤާސިމް ހައްޔަރުކުރުން ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވާ ޓްވީޓް ކުރައްވާފައެވެ. އަދި ރައްޔިތުން ނުކުމެ ޤާސިމް މިނިވަންކުރުމަށް މުޒާހަރާ ކުރުމަށްވެސް ޤާސިމް ގޮވާލެއްވިއެވެ.

https://twitter.com/MohamedNasheed/status/850006952159494144

ރާއިސް ޔާމީން ސަރުކާރުގެ ކުރީގެ ހޯމް މިންސްޓަރ އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާސިމް މިހާރުން މިހާރަށް މިނިވަން ކުރެއްވުމަށް ގޮވާލައްވާފަވެއެވެ. އަދި ރައީސް ޔާމީން ސިޔާސީ މައިދާނުގައި ބަލިވެވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

https://twitter.com/UmarNaseerPPM/status/850007122041487360

މީގެ އިތުރުން އިދިކޮޅު އިއްތިހާދުގެ ލީޑަރ އަދި ރައިސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބް ރާއިސް ޑރ. މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަމުންދާއިރު ދުނިޔެ މަޑުމަޑުން މި މަންޒަރު ބަލަން އޮވެގެން ނުވާނެ ކަމަށާއި ޤާސިމް ހައްޔަރުކޮށްފައިވަނީ ދޮގު ތުހުމަތެއްގައި ކަމަށެވެ.

https://twitter.com/MJameelAhmed/status/850004500169490432

މީގެ އިތުރުން ސަރަކާރާއި ދެކޮޅު އިއްތިހާދުގެ މެމްބަރުންނާއި ސަރުކާރާށް ފާޑުކިޔާ އާންމުންގެ އެތައްބަޔަކު އަންނަނީ ޤާސިމް މިނިވަންކުރުމަށް ގޮވާލާއި ޝޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް