ގަކޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފުލުހުން އިއްޔެ ފޮނުވައިފި އެވެ.
މަހުލޫފުގެ އިތުރުން ހަތް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭގެ ތެރޭގައި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމް އާއި އާދަމް ޒަރީރުގެ މައްޗަށް ދައުވާކުރަންވެސް ފޮނުވާފައިވެ އެވެ.
އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ޕީޖީ އޮފީހުންވެސް ހާމައެއް ނުކުރެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މަހުލޫފުގެ މައްޗަށް ފުލުހުން ކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވެ ސަލާމަތީ ބާރުތަކުގެ ވާޖިބަށް ހުރަސް އެޅިކަމުގެ ދައުވާއެވެ. މަހުލޫފު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެރިކޭޑް ފަޅާލަން މަސައްކަތް ކުރުމުންނެވެ.
ރާޢްޖެ ޓީވީގެ ދެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ދައުވާ އެވެ. ފުލުހުން ބުނެފައިވަނީ އެ ދެ ނޫސްވެރިން ވަނީ މުޒާހަރާ ކަވަރު ކުރުމަށް އުޅުމުގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފަ އެވެ.
ފުލުހުން މަހުލޫފުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ދައުވާ ކުރަން ފޮނުވި އިރު އަދާލަތު ޕާޓީގެ ރައީސް ޝައިޙް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަހުލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ކަމަށެވެ. ނަމަވެސް އެކަން ނުވެގެން އުޅެނީ ޕީޖީ އޮފީހުގެ ބޭފުޅުން އެކަމަށް އެއްބަސްނުވެގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް