މިހާރު އަމަލުކުރަމުން ދާ ގާނޫނުއަސާސީ އަށް ފުރަތަމަ އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ތާވަލުކޮށްފައި އޮތް ބިލަށް ވޯޓު ނެގުން ފަސްކޮށްފި އެވެ.
މި ބިލަށް ވޯޓު ނެގުން ފަސްކުރީ، ގާނޫނުއަސާސީ އަށް ބަދަލު ގެނައުމަށް ނަގާ ވޯޓުތަކުގައި ކޯރަމް ހަމަވާންޖެހޭ އަދަދަށް، އެ ވަގުތު މަޖިލީހުގެ މާލަމުގައި މެންބަރުން ނެތުމުންނެވެ.
ކޯރަމް ނެތުމުގެ ސަބަބުން ވޯޓަށް އެހުން ފަސްކުރީ، ލޯކަލް ކައުންސިލްތަކުގެ ރައީސާއި ނާއިބު ރައީސް ހޮވާނެ ގޮތާއި ކައުންސިލްތަކުގެ އުމުރު ބަޔާންކޮށްފައިވާ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހު ކުރުމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ހުށަހެޅުއްވި ބިލެވެ. އެ ބިލްގައި ވަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ށ އަދި ނ. އިސްލާހު ކުރުމަށެވެ.
އެ މާއްދާގެ ށ. ގައި މިހާރު ބުނެފައިވަނީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބު ރައީސުން ކަނޑައަޅާނީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ. އަދި ނ. ގައި ބުނެފައިވަނީ ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރު ކަމަށެވެ.
އާމިރުގެ ބިލްގައި ބުނެފައިވަނީ ގާނޫނުއަސާސީގައި އެ ކަންކަން ބަޔާންކުރުމުގެ ބަދަލުގައި އެ ތަފްސީލު އޮންނާނީ ކައުންސިލްތަކާ ބެހޭ ގާނޫނުގައި ކަމަށެވެ.
ގާނޫނުއަސާސީ އަށް އިސްލާހެއް ގެންނަން ވޯޓު ނެގޭނީ، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިން ބައިގެ އަދަދަށް ޖަލްސާގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެންނެވެ. އެއީ 64 މެމްބަރުންނެވެ. މިއަދު މަޖިލީހުގައި ވޯޓު ނަގަން ބެލި އިރު ހާޒިރުވެ ތިއްބެވީ 44 މެމްބަރުންނެވެ.
މިއަދުގެ ޖަލްސާގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެ ޕާޓީން ބުނެފައިވަނީ މަޝްވަރާއަށް ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ސިޓީގެ ޖަވާބު ލިބެނެދެން އެ ޕާޓިން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާނެކަމަށާއި އަދި ޖަލްސާތަކުގައި ކުރަމުންދިޔަ އިހުތިޖާޖުތައްވެސް ހުއްޓާލާފައިވާކަމަށެވެ.
ގާނޫނު އަސާސީގެ ވަކި މާއްދާއަކަށް މި ގޮތަށް އެންމެ ފަހުން އިސްލާހު ގެނެސްފައިވަނީ ކުރީގެ ރައީސް އިބްރާހީމް ނާސިރު ވެރިކަމުގަ އެވެ. އެއީ މީގެ 35 އަހަރު ކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް