ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ޖަޕާނު ސަރުކާރުން ރާއްޖެ އަށް 500 މިލިއަން ޔެން ނުވަތަ 64 މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނު ސަފީރު ނުބުހީޓޯ ހޯބޯ އެވެ.
ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން ނުބުހީޓޯ ހޯބޯ ވިދާޅުވީ ޖަޕާނުން މި އެހީ ދިނީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށެވެ. ރާޢްޖެއަށް އެ ދާއިރާއިން ހުރި މުހިންމު ކަމުގެ މައްޗަށް ވާހަކަދައްކަވަމުން ހޯބޯ ވިދާޅުވީ ހޯބޯ ވިދާޅުވީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ކުރަމުންދާ ކަމަށާއި އެކަމުގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ވެސް ކުރާ ކަމަށެވެ.
"މި އެހީއަކީ ކާރިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމުގެ ތެރެއިން، ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން ދިން އެހީއެއް،" އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ، ޖަޕާނަކީ ރާއްޖެއަށް ވަރަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެއް ކަމަށެވެ. ދުންޔާ ވިދާޅުވީ ރާއްޖެއާ ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 48 އަހަރުވެފައިވާއިރު، ދެ ގައުމުން ވެސް މަސައްކަތް ކުރަނީ އިތުބާރާއި އިހުތިރާމާ އެކު ގުޅުން އިތުރަށް ބަދަހި ކުރުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް