ރޯދަ ހިފުމަކީ ޙަރާމް ކުރައްވައިފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް ވަރުގަދަ ތަމްރީނެއް ލިބޭ ކަމެއް: ހުކުރު ޚުޠުބާ

ބަރަކާތްތެރި ރަމަޟާން މަހު ރޯދަ ހިފުމަކީ ހަރާމް ކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް ވަރުގަދަ ތަމްރީނެއް ލިބޭ ކަމެއް ކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އި...

07 Mar 2025 | 09:10

ބަރަކާތްތެރި ރަމަޟާން މަހު ރޯދަ ހިފުމަކީ ހަރާމް ކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް ވަރުގަދަ ތަމްރީނެއް ލިބޭ ކަމެއް ކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގެ މައުލޫ އަކީ "ރޯދައިގެ ޙިކުމަތް" މިއެވެ.

ރޯދައަކީ ﷲ تَعَالَىގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އަޅުކަން ކަމުގައި ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، އެތައް ކަމެއް ޢިލްމުވެރީން ބަޔާންކުރައްވައިފައިވާކަމަށެވެ.  މި ހުރިހައި ކަންކަމަކީ ވެސް، تَقْوَىވެރިކަން ޙާޞިލުކޮށްދޭ ކަންކަން ކަމަށެވެ. ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ދަސްކޮށްދިނުން ހިމެނޭ ކަމަށެވެ.

"އަޅާ ރޯދައަށް ހުންނަ އިރު، ކެއިންބުއިމާއި، އެންމެހައި ޝަހުވާނީ އެދުންތަކުން، އޭނާގެ ނަފުސު، ހިފަހައްޓާ، ﷲ تَعَالَى އޭނާއަށް ހުއްދަކުރައްވައިފައިވާ ބައެއް ނިޢުމަތްތަކާ ކުޑަ ވަގުތުކޮޅަކަށް ވިޔަސް ދުރުހެލިވުމުން، އެ ނިޢުމަތްތަކުގެ އަގު ވަޒަންކުރާން ދަސްވޭ، ވަރަށް ގިނަ ފަހަރަށް ނިޢުމަތެއްގެ އަގު ވަޒަންކުރެވެނީ، އެ ނިޢުމަތެއް ބީވެ ދިޔުމުން، ރޯދައިގެ ސަބަބުން، ﷲ تَعَالَى އިންސާނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކުރެވި، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެ އުޅުމަށް މަގު ފަހިވޭ، އޭގެ ނަތީޖާއެއްގެ ގޮތުން ރޯދަވެރިޔާގެ ކިބައިގައި، އަވަށްޓެރީންނަށް ކަމޭހިތުމާއި، ނިކަމެތީންނަށް ހެޔޮފޯރުވުމާއި، ފަޤީރުންގެ ޙާލު ބަލައި އުޅުމުގެ މަތިވެރި އާދަ އަށަގަނޭ" ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ބުނެފައިވާގޮތުގައި ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ޙަރާމް ކަންތައްތަކާ ރޯދަވެރިޔާ ދުރުހެލިކުރުވުން ހިމެނެއެވެ. ﷲ تَعَالَىގެ ރުހިވޮޑިގަތުން ހޯދުމަށާއި، އެކަލާނގެ ޢަޛާބުން މިންޖުވުމަށް ޓަކައި، ޙަލާލު ކާބޯތަކެއްޗާއި، އޭނާއަށް ޙަލާލު ކުރައްވައިފައިވާ، އަނބިފިރިކަމުގެ ގުޅުމާ އެކަހެރިވެ ހުންނަ ހުރުމުން، ﷲ تَعَالَى ޙަރާމްކުރައްވައިފައިވާ ކަންކަމުން ދުރުހެލިވެ އުޅުމަށް، އޭނާއަށް ވަރުގަދަ ތަމްރީނެއް ލިބެއެވެ. އެހެންކަމުން ރޯދައަކީ، އިންސާނާގެ ނަފުސު، ހެޔޮ ކަންކަމަށް ހާނުވައިދޭ، ތަރުބަވީ އަޅުކަމެއްކަން ފާހަގަކޮށްފައިވެއވެ. އަދި  ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ނަފުސު އެދޭ އެދުންތަކުގެ މައްޗަށް ގަދަވެގަތުމުގެ ބާރު ލިބުން ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

"ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގައި ރަޙުމާއި، ކުލުނު އުފެދުން ހިމެނެއެވެ. ރޯދައަށް ހުންނަ ހިނދު އިޙްސާސްވާ ކަރުހިއްކުމާއި، ބަނޑުހައިހޫނުކަމުގެ ސަބަބުން، މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަޤީރުންނާއި، މިސްކީނުންގެ އިޙްސާސްތައް ދެނެގަނެވޭނެ، އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާގެ ނަފުސު އެދި ގޮވާނެ، އެ ރިވެތި އަޚްލާޤީ ސިފަތަކުގެ ސަބަބުން، ރޯދަވެރިޔާގެ ނަފުސު ޠާހިރުކޮށް ޒީނަތްތެރިކޮށްދޭ، ހަމަ މި ފަދައިން ދޮގުހެދުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުޚާޠަބުކުރުމާ އޭނާ އެއްކިބާކުރުވާ" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަހަރެމެންނަށް އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ޣީބަބުނުމާއި ދޮގުވާހަކަތަކާއި ހަޑިހުތުރު ބަސްތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ އުނދަގޫ ކުރުން ކަމާއި ޚާއްސަކޮށް މީސްމީޑިޔާގެ މަންސަތަކުގައި އަހަރެމެން މިއަދު މި ކަންކަން ކުރަނީ ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތިއެވެ. މިއީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި  ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިޠާނާ ނިކަމެތިކޮށް ބަލިކަށިކޮށްލުން ކަމާއި ނަތީޖާއެއްގެ ގޮތުން، ޝައިޠާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭ ކަމާއި ހެޔޮ ޢަމަލުތަކުގައި، މީހާ މަޝްޣޫލުކުރުވާ ކަމާއި ނުބައި ޢަމަލުތަކާ އޭނާ ދުރުހެލިކުރުވާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"ރޯދަ ފަރުޟުކުރެއްވުނު ޙިކުމަތާއި، އޭގެ ފައިދާ ޙާޞިލުކުރެވޭނީ، ﷲ سُبْحَانَهُ وَتَعَالَى އެންގެވިގޮތަށް، ރޯދަ ހިފައިގެން، ރޯދަ ހިފުމުގައި ކީރިތި ރަސޫލާ  ﷺ ގެ ސުންނަތަށް ތަބަޢަވެގެން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ބުނެފައިވަނީ ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ ޢަމަލުތައް ﷲ تَعَالَى ބައްލަވައިވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޒީބުކުރުން ކަމަށާއި ރޯދައަކީ، ރޯދަވެރިޔާއާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއް ކަމަށެވެ. އަދި ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށް ކަމަށާއި އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެ ކަމެއް ނޭނގޭނެ ކަމަށާއި ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ، މި އަޅުކަމުގައި ހުރި އިޚްލާޞްތެރިކަމުގެ ބޮޑުކަމުން ކަމަށެވެ.

ރޯދައިގެ ޙިކުމަތަކީ، މާތް ﷲއަށް ބިރުވެތިވެ، تَقْوَىވެރިވުންކަން ފާހަގަކުރަމުން ހުކުރު ޚުޠުބާ ނިންމާލަމުން ބުނެފައިވަނީ ކުރާން އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފުސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް ކަމަށާއި މުޅި ދުވާލު ކެއިން ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން، ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫޙާނީ ބާރު ގަދަވާކަމަށެވެ. ނަތީޖާއަކަށް ވަނީ، ނުބައި ކަންތައްތަކަށް އަރައިގަތުމާ ދުރުހެލިވުން ކަމަށެވެ. އަދި ދުލުން ހަޑިހުތުރު ބަސްތައް ބުނުމާއި، މީހުންނާ ޒުވާބުކުރުން ހުއްޓުން ކަމަށެވެ. އަދި ހަމަ އެހެންމެ ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު އިޙްސާސްވުމެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ލިބުމެއް ކަމަށާއި ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރިކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް