ފެރީ ލޯންޗުތަކަށް ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ހުޅުވާލަން އެމްޓީސީސީއިން ނިންމައިފި

މާލެއާއި އަތޮޅުތަކާއި ދެމެދު ދަތުރުކުރާ ފެރީ ލޯންޗުތަކަށް ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ހުޅުވާލަން އެމްޓީސީސީއިން ނިންމައިފިއެވެ. އެގޮތަށް ނިންމާފައިވާކަން އެމްޓީސީސީއިން ހާމަކޮށްފައިވަނީ އެ ކު...

06 Mar 2025 | 21:48

މާލެއާއި އަތޮޅުތަކާއި ދެމެދު ދަތުރުކުރާ ފެރީ ލޯންޗުތަކަށް ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ހުޅުވާލަން އެމްޓީސީސީއިން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވާކަން އެމްޓީސީސީއިން ހާމަކޮށްފައިވަނީ އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި އެމްޓީސީސީއިން ބުނެފައިވަނީ ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް މާލެ އަރާ ފޭބުމުގައި މިވަގުތު ތަހައްމަލު ކުރަން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން އެ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރުން އެކަން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައި ކަމަށެވެ.

"މިކަމަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، މި ކުންފުނީގެ ފަރާތުން އޮޕަރޭޓްކުރަމުން އަންނަ ހެންވޭރު އަދި ހުޅުމާލޭ ފެރީ ޓާމިނަލް، މާލެ އާއި އަތޮޅުތަކާއި ދެމެދު ލޯންޗު ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުޞަތު ދިނުމަށް މި ކުންފުނިން މިއަދު ވަނީ ނިންމާފައެވެ. އަދި މިކަމާ ގުޅޭ އިޢުލާނެއްވެސް ވާނީ ގެޒެޓުކޮށްފައި" އެމްޓީސީއިން ބުނެފައިވެއެވެ.

އެ އިޢުލާނުގައިވާ ފަދައިން، މާލެ އާއި އަތޮޅުތަކާއި ދެމެދު ލޯންޗު ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލްގެ ފަޅު ބޭނުންކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 މާރިޗް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އެކަން ހުށަހެޅުއްވުމަށް އެމްޓީސީއިން އެދެއެވެ.

އެމްޓީސީސީއިން ބުނެފައިވާގޮތުގައި އެ ދެ ފެރީ ޓާމިނަލަކީ މިފަދަ ޚިދުމަތްތަކަށް ފައްކާ ކުރެވިފައިވާ ދެތަން ކަމަށް ވާއިރު، ޢާންމު ލޯންޗު ފެރީގެ ޚިދުމަތް ހޯއްދަވާ ރައްޔިތުންނަށް އެ ދެ ޓާމިނަލް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމުމަކީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނޭ ކަމެއް ކަމަށް އެ ކުންފުނިން ދެކެއެވެ.

"މި ދެ ޓާމިނަލްގައި މި ޚިދުމަތް ފެށިގެންދާއިރު، ރައްޔިތުންނަށް ފަސޭހަ ނިޒާމެއްގެ ތެރެއިން، ކަންކަން އިންތިޒާމުވެފައި ހުރުމަކީ މި ކުންފުނިން ކަށަވަރު ކުރާނޭ ކަމެއް" އެމްޓީސީސީއިން ބުނެފައިވެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓިސީސީއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައެވެ. މިހާރު އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ޢާންމު ދަތުރު ފަތުރުގެވެސް އެންމެ މުހިންމު ބައިވެރިޔާކަން އެމްޓީސީއިން ފާހަގަކުރެއެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްޤީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް