ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިންގ ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭޒް ދޭއްގައި ވަނީ ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން އިމާރާތްކުރެވުނު މި ވަގުތީ މިސްކިތުގެ ނަމަކީ މަސްޖިދުލް ޝާކިރީން އެވެ.
މިއަދު ހުޅުވި މި މިސްކިތް ގާއިމުކުރެވިފައި މިވަނީ ފޭޒް ދޭއްގެ ހިޔާ ޕާރްކް ސަރަހައްދުގައެވެ. މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހައްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައި ހުޅުވާފައިވާ މިސްކިތެއް ކަމުގައި އެޗްޑީސީއިން ބުނެއެވެ.
އެޗްޑީސީއިން ބުނެފައިވާގޮތުގައި މި މިސްކިތަކީ މުޅި ޖުމްލަކޮށް އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭގޮތަށް ފަރުމާކުރެވިފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އަންހެން ބޭފުޅުންނަށްވެސް ނަމާދު ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އެޗްޑީސީއިން ބުނެއެވެ.
އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް