ވިލިމާލޭގައި މާލެ ސިޓީ ކައުންސިލުން ދޭން ފަށާ ބަގީގެ ހިދުމަތް މިހިނގާ މާރޗް މަހުގެ 16 ވަނަ ދުވަހު ފެށޭނެ ކަމުގައި މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިލިމާލޭގައި ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެ ކަމަށާއި އޭގެ 1 ހަފްތާ ފަހުން،16 މާރޗް ވާ ބުރާސްފަތި ދުވަހު ބަގީގެ ޚިދްމަތް ފެށޭނެ ކަމަށެވެ.
މޭޔަރ އިތުރަށް ވިދާޅުވީ ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު ޢީދު ނިމެންދެން އޮންނާނީ ހިލޭ ކަމަށެވެ. މީގައި ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ނަގާ ބަގީ ނުހިމެނޭނެއެވެ.
މީގެ ހަފްތާއެއް ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ބަގީގެ ހިދުމަތްތަކަށް އަގު ކަނޑައަޅާފައެވެ.
ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި ބަގީގެ ހިދުމަތް މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނަގާނީ ދެ ރުފިޔާގެ ފީއެއް ކަމަށާއި އެހެންނަމަވެސް ބަގީ "ޕްރައިވެޓް ހަޔާރ" ގެ ގޮތުގައި ނަގާނަމަ އަގު ތަފާތު ވާނެ ކަމަށް ބުނެފައިވެއެވެ.
އެގޮތުން ޕްރައިވެޓް ހަޔަރ ގެ ގޮތުގައި ބަގީ ނަގާނަމަ އަގު ތަކަކީ:
- 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
- 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
- 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ އެވެ.
މީގެ އިތުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ބޭފުޅުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެކަމުގައިވެސް ސިޓީ ކައުންސިލުން ބުނެއެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް