ގއ. ވިލިނގިލިން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށް އާގަލާ ބޯޓުގައި އިއްޔެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު އިންޑިއާގެ ފަޅުވެރިޔާ ހޯދުމަށް ސިފައިން ބޮޑު ސަރަހައްދެއް ބަލައިފި އެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފުން މިއަދު ބުނީ، އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން، ކަނޑާއި ވައިގެ މަގުން 332.35 ކިލޯމީޓަރުގެ ސަރަހައްދެއް މިހާރު ބަލާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އޭނާ ފެނިފައި ނުވާ ކަމަށް ސިފައިން ބުނެފައި ވެއެވެ.
މީގެ އިތުރުން ސިފައިން ބުނީ އެ މީހާ ހޯދުމަށް މިއަދު ވެސް ސާޗު އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށެވެ.
އެމްއެންޑީއެފުން ރޭ ބުނީ ކަނޑުމަތީ އަލިފާނުގެ މި ހާދިސާ ހިނގާފައި ވަނީ އާގަލާ ބޯޓު މ. ތުވަރު ކައިރިން މާލެއަށް ދަތުރުކުރަމުން ދަނިކޮށެވެ.
ބޯޓުގައި އަލިފާން ރޯވުމުން ބޯޓުގައި ތިބި މީހުން މޫދަށް ފުންމާލި ކަމަށާއި، 15 މީހަކު ހިމެނޭއިރު 14 މީހަކު ކަނޑުން ސަލާމަތްކޮށް މ. މުލީ ހޮސްޕިޓަލަށް ގެންދެވިފައި ވާކަމަށް ވެސް ބުނެފައި ވެއެވެ.
އަދި 15 ވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.
ހާދިސާ ހިނގި އިރު ބޯޓުގައި ތިބީ އިންޑިއާއަށް ނިސްބަތްވާ ފަސް މީހަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ ފަސް މީހެއްގެ އިތުރުން ފަސް ދިވެހިންނެވެ. ގެއްލި ނުފެނި ވަނީ އިންޑިއާއަށް ނިސްބަތްވާ ރައްޔިތެކެވެ.
މި ހާދިސާގައި އާގަލާ ބޯޓު ވަނީ އެއްކޮށް އަންދައި ހުލިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް