މާލޭ ވިޔަފާރި ބަނދަރު ބަދަލު ކުރަން ގުޅީފަޅުގެ ބިން ހިއްކަން ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމް.ޕީއެލް)، ގެ ސީއީއޯ ވިދާޅުވެއްޖެ އެވެ.
އެ ބަނދަރަށް ބޭނުންވާ ބިމުގެ އެއްބައި މިހާރު ވަނީ ހިއްކާފައި އެވެ. މި މަޝްރޫއުގެ ދަށުން ގުޅީފަޅު ހިއްކުމުގެ އިތުރުން ސީޕޯޓް ތަރައްގީ ކުރުމަށް މިއަހަރުގެ ބަޖެޓުގައި 959.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
އެމްޕީއެލްގެ ސީއީއޯ ޝަހިދު އަލީ މީޑިއާގައި ވިދާޅުވީ ވިޔަފާރި ބަނދަރަށް ބޭނުންވާ ބިމުގެ އަނެއްބައި ހިއްކުމުގެ މަސައްކަތް ކުރުމަށް ޑްރެޖަރު މިހާރު ވަނީ އައިސްފައި ކަމަށެވެ.
މިބައި ހިއްކައި ނިމެންވާއިރު ކޮންޓްރެކްޓަރަކާއި ހަވާލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ބަނދަރު ތަރައްގީ ކުރުމަށް ހަތަރު ކޮންޓްރެކްޓަރުން ޕްރީ ކޮލިފައި ކޮށްފައި ވާނޭކަމުގައި ވިދާޅުވެފައިވެ އެވެ.
ޝާހިދު ވިދާޅުވުވި ގޮތުގައި މި ޕްރޮޖެކްޓްއާއިއެކު ވަރަށް ބޮޑުތަނުން ވިޔަފާރި ބަނދަރުގެ ކެޕޭސިޓީ އިތުރުވެގެން ދާނޭކަމަށެވެ. އަދި މި ޕްރޮޖެކްޓް އާއި އެކު ރާއްޖޭގެ އިގްތިޞާދަށާއި އަދި މާލޭ ސަރަހައްދުގެ ލޮޖިސްޓިކްސް އޮޕަރޭޝަންތަކަށް ބޮޑު އިންޕެކްޓެއް އަންނާނެއެވެ.
މީގެ އިތުރުން އެމްޕީއެލުން މިވަގުތު ބޯޓުތަކަށް ދޭ ހިދުމަތްތަށް ފުޅާވެގެން ދާނެކަމަށް ޝާހިދު ވިދާޅުވި އެވެ.
ވިޔަފާރި ބަނދަރަށް ބޭނުންވާ ބިމުގެ ފުރަތަމަ ބައި ހިއްކާފައިވަނީ2020 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް