ރޯދައަށް ހަނދު ސާބިތު ކުރުން މިމަހު 21 ވަނަ ދުވަހު ރޭ

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން މިމަހުގެ 21 ވަނަ ދުވަހު ހަވީރު އޮންނާނެ ކަމަށް ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ. ޑީޖޭއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރ...

07 Mar 2023 | 10:16

މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން މިމަހުގެ 21 ވަނަ ދުވަހު ހަވީރު އޮންނާނެ ކަމަށް ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ޑީޖޭއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިމަހުގެ 21 ވާ އަންގާރަ ދުވަހުގެ ހަވީރު 5.30 ން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.

ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައެވެ. އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ އެވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ޙަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައެވެ.

ޑީޖޭއޭއިން ބުނީ މާލޭގައި ނަމަ ހާޒިރު ވާނީ އެ އިދާރާއަށް ކަމަށެވެ. އަދި ހެކި ބަސްދޭން ދާ މީހާ އެ އިދާރާ ނުވަތަ މެޖިސްޓްރޭޓް ކޯޓާއި ކައުންސިލް އިދާރާއަށް ދިއުމުގެ ހަރަދު ހަމަޖައްސައިދޭނެ ކަމަށް ބުންނެވެ.

ހަނދު ފެނިގެން އެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންޖެހެ އެވެ.

ރާއްޖޭގައި ހަނދު ސާބިތު ކުރަނީ ރާއްޖެ ސަރަހައްދަށް ނުފެނިއްޖެ ނަމަ އިސްލާމީ ގައުމުތަކަށް ހަނދު ފެނިގެންް ނުވަތަ ނުފެނިގެން އަމަލު ކުރާ އުސޫލަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް