ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަރިޔަމް ޒުބައި (މންދީ)އަށް ހަމަލާދިން މުހައްމަދު ޖަޒީލު15 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މަންދީ އާއި އިތުރު މީހަކަށް އެމްޑީޕީ އޮފީސް ތެރޭގައި ޖަޒީލް ހަމަލާދިނީ ޗޭނު ގަނޑަކުންނެވެ. މި މާރާމާރީ ހިނގާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މި ހަމަލާގައި މަންދީގެ ބޯފަޅައިގެން ގޮސް، ހޮސްޕިޓަލްގައި ފަރުވާދީފައިވެ އެވެ.
ޖަޒީލްގެ މައްޗަށް ދައުލަތުން މި މައްސަލައިގަ ދައުވާ އުފުލީ ވަކިވަކިންނެވެ. ދެ ދައުވާ އެއްކޮށްލައިގެން މި މައްސަލައިގަ ކޯޓުން ހުކުމްކުރީ 15 މަހާއި އަށް ދުވަހަށް އޭނާ ޖަލަށްލުމެވެ.
ދެ ދައުވާގެ ކުށުގެ އަސާސީ އަދަބަކީ ކޮންމެ ދައުވާއަކަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. އެކަމަކު ޖަޒީލް އަދަބު އެ އަށް ވުރެ ދަށްވީ، ކޯޓުގައި ކުށަށް އިއުތިރާފުވެފައި ވާތީ އާއި އޭގެ ސަބަބުން ކޯޓުގެ ވަގުތު ސަލާމަތްވެ، ކޮންމެ ދައުވާއެއްގެ އަދަބުން އަދަބުގެ ދެ ދަރަޖަ ދަށްކުރުމުންނެވެ.
ޖަޒީލް، އެ ދުވަސް ވަރު ބުނީ މަންދީ އާއި އެމްޑީޕީ އޮފީހުގައި މަސައްކަތް ކުރާ އިތުރު މީހަކަށް ހަމަލާދިނީ އޭނާގެ މުސާރަ ހިފެހެއްޓުމުން އެކަމާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ. އަދި އެ ދެމީހުން ޖަޒީލް އާއި އެކު މަސައްކަތް ކުރާއިރު ފުރައްސާރަކޮށް ހަދާތީ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް