އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަ ކުރައްވާ ފައްޔާޒް އިސްމާއިލް ކެމްޕެއިނަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރު ނިންމާލައްވައިފި އެވެ.
މި ދަތުރުގައި ފައްޔާޒާއި ޓީމު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފައްޔާޒުގެ އިތުރުން ހަމަ އެ ދުވަހު އޭނާ އާއި ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީވެސް ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެންނެވި އެވެ.
ކެމްޕެއިން ނިންމާލުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ފައްޔާޒް ވިދާޅުވެފައިވަނީ ކެމްޕެއިންގައި އައްޑޫ ރައްޔިތުން އޭނާ އާއި މެދު ބޭއްވި ގާތް ކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ މި ދަތުރުން އެނގިގެން ދިޔައީ އެމްޑީޕީ ހިންގަން ޕާޓީ މެމްބަރުން ބޭނުންވެފައި ތިބި މިންވަރު ކަމަށެވެ.
އިތުރަށް ވިދާޅުވީ މިފަހަރު އެކަން ވާނެ ކަމަށާއި އޭނާ އިންތިހާބު ކާމިޔާބުކޮށް އެކަން ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.
ފައްޔާޒް މި ޓުވީޓުގައި ލިޔުއްވާފައިވަނީ އައްޑޫ ބަހުންނެވެ.
https://twitter.com/faya_i/status/1500805410252484614
އެމްޑީޕީގެ ޗެއާޕާސަންގެ ހޮވުމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ16 ވަނަ ދުވަހު އެވެ. އިންތިހާބުގެ ކެމްޕެއިން މިހާޜު ވަރަށް ފޯރުގަދަކޮށް ކުރިޔަށް ދާއިރު ދެ ފަރާޓުން ދަނީ ވަރުގަދަ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ.
ކެމްޕެއިންގެ ފޯރި ގަދަވެފައިވަނީ ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު ނުކުންނަވާ ކެންޑިޑޭޓަކަށް ވާތީ އެވެ. އަދި އިންތި އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއިދާއި އެކު ވާދަ ކުރައްވާ ކެންޑިޑޭޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް