ހަަނގުރާމައިގަ ހާލުގައި ޖެހެމުންދާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް ކަމަށް ބުނެ ރައްޔިތުން ރަޝިއާއަށް ގެންދާތީ ޔޫކްރެއިން ރަތަށް އަރައިފި އެވެ.
މިދިޔަ މަހުގެ24 ވަނަ ދުވަހު ޔޫކްރެއިންއަށް ރަޝިއާ ސިފައިން އަރައި ވަޔާއި ކަނޑު އަދި އެއްގަމު މަގުން ދެމުންދާ ހަމަލާތަކަކީ އަސްކަރީ އޮޕަރޭޝަނެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެފައިވެ އެވެ. ރަޝިއާއިން ބުނީ ހަމަލާތައް އަމާޒު ކުރަމުންދަނީ ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ.
ރަޝިއާގެ ހަމަލާތަކުގައި ތިން ހާހަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ދެ ގައުމުން ކުރިޔަށް ގެންދާ ސުލްހައިގެ މަޝްވަރާތަކުގައި ވަނީ ވަކި ވަގުތުތަކެއްގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެފައި އެވެ. އެ ވަގުތުތަކުގައި ހަމަލާތަކާއި ހެދި ޔޫކްރެއިންގެ ސިޓީތަކުން ބޭރު ނުވެވި ތިބި މީހުންނާއި ރައްކާތެރި ހިސާބުތަކަށް ދާން ބޭނުންވާ މީހުން ގެންދިއުމަށް ފުރުސަތު ދޭނެ އެވެ.
އެ ވަގުތުތައް އިއްޔެއިން ފެށިގެން ކަނޑައަޅަމުން އަންނައިރު ޔޫކްރެއިނުން ބުނީ ހަނގުރާމައިގެ ސަރަހައްދުން ރައްކާތެރި ހިސާބުތަކަށް މީހުން ގެންދާ ކަމަށް ބުނެ އެ ގައުމުގެ އާންމު ރައްޔިތުން ބަސްތަކުގައި ގެންދަމުން ދަނީ ރަޝިއާއަށް ކަމަށެވެ. އަދި ބައެއް މީހުން ރަޝިއާއަށް ތާއީދު ކުރާ އަވައްޓެރި ބެލަރޫސްއަށްވެސް ގެންދަމުންދާ ކަމަށް ބުނެފައިވެ އެވެ.
ޔޫކްރެއިންގެ ކަމާ ބެހޭ އިދާރާތަކުން ބުނީ ޔޫކްރެއިންގެ ރައްކާތެރި ހިސާބުތަކަށް ގެންދަނީ ހަނގުރާމައިގަ ސުންނާފަތިވެފައިވާ މަރިއުޕޯލް އާއި ސަމީ ސިޓީން ގެންދާ މީހުން އެކަނި ކަމަށެވެ.
މީގެ އިތުރުން ޔޫކްރެއިންގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން އެ ގައުމުން ބޭރުވުމަށްވެސް ރަޝިއާއިން ދަނީ އެކި ސިޓީތަކުގައި ބަސްތައް ބާއްވަމުންނެވެ. އެ ބަސްތަކުގައި އެކި ގައުމުތަކުގެ ރައްޔިތުން ގެންދަނީ ރަޝިއާއަށެވެ.
ރަޝިއާއިން ބުނީ ރަޝިއާއަށް ދިއުމަށް ފަހު އެ މީހަކު ބޭނުން ގައުމަކަށް ވައިގެ މަގުން ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިކަމަށް ދެކޮޅު ހަދައި ޔޫކްރެއިން ސަރުކާރުން ބުނީ އެ ގައުމުގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެނބުރި ދާންޖެހޭނީ ޔޫކްރެއިނުން ކަމަށާއި ރަޝިއާގެ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށެވެ.
އދ.ގެ ތަފާސް ހިސާބު ދައްކާގޮތުން ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ތިން މިލިއަނެއްހާ މީހުން އެގައުމު ދޫކޮށް އަވައްޓެރި ގައުމުތަކަށް ހިޖުރަކޮށްފައިވެ އެވެ. އެންމެ ގިނަ މީހުން ގޮސްފައިވަނީ ޕޮލެންޑާއި ހަންގޭރީ އަށެވެ.
އަމިއްލަ ސަލާމަތަށް ރަޝިއާ އާއި ބެލަރޫސްއަށް ހިޖުރަ ކުރީ ޔޫކްރެއިންގެ މަދު ބަޔަކު ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް