ހައުސިން ޑިވަލޮޕްމަންޓް ކޯޕަަރޭޝަން (އެޗްޑީސީ) ގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ރާއްޖެ އޮންލައިން (އާރު.އޯ.އެލް) ގެ ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައެވެ.
އެޗްޑީސީން ބުނީ މި އެއްބަސްވުމުގައި ސޮއި ކުރުމާއިއެކު، މިވަގުތު ރާއްޖޭ ގައި އިންޓަރނެޓުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއްގެ ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށް ލިބިގެން ދާނެ ކަމަށެވެ.
އެޗް.ޑީ.ސީން ގާއިމު ކޮށްފައިވާ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ.
އެޗްޑީސީން ހާމަކުރާގޮތުގައި މީގެ ޒަރީއާއިން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގަ އަކުން އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދެވި އަދި މިކަންކަމަށްދާ ހަރަދުވެސް ކުޑަވެގެންދާނެއެވެ.
މީގެ އިތުރުން މިފަދަ ޚިތުމަތްތައްދޭ ފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި، ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެ އެވެ.
އެޗް.ޑީ.ސީން ބުނީ އެ ކޯޕަރޭޝަނުން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުމަށް ކަމަށެވެ.
އެޗް.ޑީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. އަދި އާރު.އޯ.އެލްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މުއީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް