މާލޭގެ ފިހާރައަކުން ދެ ފެންކޭސް ވަގަށް ނެގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ދެ މަސްދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ ވިޝާން އަދުނާން، ކ، މާލެ، ދަފްތަރު ނަންބަރު 3441 ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ ކޮށްފައިވަނީ މާލެ "ބެލޫގާ މާރޓް" ފިހާރައަށް ގެނައި ތާޒާ ބްރޭންޑުގެ 5 ލީޓަރުގެ ފަނަރަ ފެން ކޭސް ފިހާރަ ކައިރިއަށް ބޭލުމަށްފަހު ފެން ގެނައި ޕިކަޕު އެތަނުން ދިޔަ ވަގުތު، އިތުރު މީހަކާއެކު ސައިކަލުގައި ގޮސް ދުއްވަން އިން ސައިކަލަށް ލައިގެން ދެ ފެންކޭސް ގެންގޮސްފައިވާ މައްސަލައިގައެވެ.
ވިޝާންގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ 2020ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. މި ދައުވާއަށް ވިޝާން އިއުތިރާފްވެ، މި މައްސަލައިގައި ވީ އެންމެ ލުއި އަދަބެއް ދިނުމަށް އޭނާ އެދިފައިވެއެވެ.
ވައްކަމުގެ މި މައްސަލައިގައި އެންމެ ފުރަތަމަ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1 މަހާއި 11 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ވިޝާން މި ދައުވާއަށް އިއުތިރާފްވެ، ލުއި އަދަބެއް ދިނުމަށް އެދިފައިވާތީއާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުންވެސް އެކަމަށް އިއުތިރާޒް ނުކުރާތީ ވިޝާންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ދެ މަހާއި 22 ދުވަހުގެ ގޭ ބަންދަކަށެވެ.
މި މައްސަލައިގައި ވިޝާންގެ އިތުރުން ރ. މީދޫ / އަތިރިއާގެ އަހްމަދު ޒާހިރުގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެއެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައިނުވާތީ އާއި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދެވިފައިނުވާތީ އޭނާގެ ބައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް