ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މަޤްސަދަކީ ރާއްޖެއިން ބޭރުވާ ބޭރުފައިސާ މަދުކުރުންކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އެސްޓީއޯއިން ވަނީ ޝިޕިން ހިދުމަތްފަށާ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި ކާގޯ ޝިޕިން ލައިނެއް އުފައްދާފައެވެ. އަމްރު ވިދާޅުވީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކުންފުނި މިހާރު ފައިދާވަމުން އަންނަ ކުންފުންޏަކަށް ހެދިފައިވާކަމަށެވެ.
އެ ކުންފުންޏަށް ޝިޕިން ލައިނުގެ ފަރާތުން ވަރަށް ބޮޑަށް ފައިދާ ވަމުން އަންނަ ކަމަށް ވިދާޅުވެ އަމްރު ވިދާޅުވީ ޝިޕިންގެ ހިދުމަތާ އެކު 45000 ޓަނުގެ ބޯޓެއް ރާއްޖެ ގެނެވޭނެ ކަމަށެވެ. އެއާއެކު އެސްޓިއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސްވެސް ރަނގަޅު އަގުތަކެއްގައި ހިފެހެއްޓިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރި އެއްކަމަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި ކާގޯ ޝިޕިން ލައިނެއް މި ތައާރަފްކުރީ. އެ ކުންފުންޏަކީ ވަރަށް ވަރުގަދައަށް ފައިދާވެސް ވަމުން އަންނަ ކުންފުންޏެއް. އަޅުގަނޑުމެން އެންމެ ލަސްވެގެން މިއަންނަ މަސްތެރޭގައި އަންނާނެ ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު ބޯޓު. 45000 ޓަނުގެ ބޯޓެއް އަންނާނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކޮންސްޓްރަކްޝަން މެޓީރިއަލްސްވެސް ރަނގަޅު އަގުތަކެއްގައި ހިފެހެއްޓިގެންދާނެ. އަދި އޭގެ އިތުރުންވެސް އަޅުގަނޑުމެން އިތުރު ކޮންޓެއިނަރ ޝިޕެއް އެބަ ގަންނަން. ވަރަށް ބާރު ސްޕީޑެއްގައި އެމްއެސްއެސް ފުޅާކުރަމުން މިދަނީ. އަޅުގަނޑުމެންގެ މަޤްސަދަކީ ރާއްޖެއިން ބޭރުވާ ބޭރުފައިސާ މަދުކުރުން." އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެސްޓީއޯގެ ޝިޕިން ލައިންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެގޮތުން ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓި ޝިޕިންގެ އަގުތައްވެސް ބޮޑުނުވެ ބެހެއްޓޭނެކަމަށެވެ. އަމްރު ވިދާޅުވީ، އެމްއެސްއެސްގެ ޚިދުމަތް މާލެއާއި ކޮލަންބޯއާއި ދެމެދު ދެމުންދާތީ ޝިޕިންގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށެވެ. އެމްއެސްއެސްގެ ޚިދުމަތް ބާރު ސްޕީޑްގައި ފުޅާކުރަމުންދަނީ ރާއްޖެއިން ބޭރުގައިވެސް މި ވިޔަފާރި ފުޅާކުރަން ބޭނުންވާތީކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް