ދެ ސަފީރަކު އެހެން ދެ ޤައުމަކަށް ބަދަލުކުރުމަށް މަޖިލީހުން ރުހުންދީފި

ބެލްޖިއަމަށާއި ވިލާތުގެ އިއްތިޙާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ.ފިޔާތޮށިގެ ޙަސަން ޞާބިރ...

07 Mar 2022 | 10:06

ބެލްޖިއަމަށާއި ވިލާތުގެ އިއްތިޙާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އަދި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ.ފިޔާތޮށިގެ ޙަސަން ޞާބިރު އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދީފިއެވެ.

ބެލްޖިއަމަށާއި ވިލާތުގެ އިއްތިޙާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ.ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އައްޔަންކުރުމަށް މަޖިލީހުން ފާސްވީ 58 މެމްބަރުންގެ ވޯޓުންނެވެ.

މީގެ އިތުރުން ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ޙަސަން ޞާބިރު އައްޔަންކުރެއްވުމަށް ފާސްވީ 58 މެމްބަރުންގެ ވޯޓުންނެވެ.

ބެލްޖިއަމަށާއި ވިލާތުގެ އިއްތިޙާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރި ޢުމަރު ޢަބްދުއްރައްޒާޤު މިހާތަނަށް ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ.

ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް އައްޔަންކުރި ޙަސަން ޞާބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ.

އުމަރު ޢަބްދުއްރައްޒާޤަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި މީގެ އިތުރުން ހަސަން ޞާބިރު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް