އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި މަނާ ކަންތައްތަަކެއް ކަނޑައެޅުމުން ހޫނުވެއްޖެ

އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި ވަކި ކަންތައްތަކެއް ކޮށްގެން ނުވާނެކަމަށް ޖެންޑަރ މިނިސްޓްރީން އެންގުމުން ސޯޝަލް މީޑިއާގައި މިކަން ހޫނު ބަހުސަކަށް ވެއްޖެއެވެ. ޖެންޑާ މިނިސްޓްރީގެ ސާކިއުލާއެއްގައި...

07 Mar 2022 | 09:18

އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި ވަކި ކަންތައްތަކެއް ކޮށްގެން ނުވާނެކަމަށް ޖެންޑަރ މިނިސްޓްރީން އެންގުމުން ސޯޝަލް މީޑިއާގައި މިކަން ހޫނު ބަހުސަކަށް ވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީގެ ސާކިއުލާއެއްގައި ބުނެފައިވަނީ އަންހެނުންގެ ދުވަސް ފާހަަގކުރުމުގެ ގޮތުން އޮފީހުގައި މަސައްކަްކުރާ އަންހެން މުވައްޒަފުންނަށް ރަތް ދޫލަ އަޅައިދީ، މާބޮނޑި ދިނުމާއި، ފިނިފެންމާ ދިނުން، ޗޮކްލެޓް، ކޭކު، ބަދިގޭގައި ގެންގުޅޭތަކެތި (ތަށި، ތެލި، އުނދުޅި) ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތު (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ހަދިޔާނުކުރުމަށް އެދޭ ކަމަށެވެ.

މިކަން މީޑިއާތަކުން ކަވަރު ކުރުމާއެކު ސޯޝަލް މީޑިއާގައި މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ދުވަހެއް ފާހަގަކުރުމުގައި ދެވޭނެ އެއްޗެއްސާއި ކެވޭނެ އެއްޗެއްސާއި ލެވޭނެ އެއްޗެހި މިނިސްޓްރީއަކުން ކަނޑައެޅުން އެއީ ދެން ބޮޑުވަރު ކަމަށެވެ.

މިކަމާ ބައެއް ފިރިހެނުންވެސް ވަނީ ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާއަށް އެ ފަރާތްތަކުގެ ޝުއޫރުތައް ދޫކޮށްލާފައެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ބައެއް ފިރިހެނުންވެސް ބުނެފައިވަނީ އަންހެންވެރިންނަށް ދޭނެ ހަދިޔާއެއް މިނިސްޓްރީއަށް ނުނިންމޭނެ ކަމަށެވެ. މަރުހަބާ ކިޔާނެ ވަކި ގޮތެއްވެސް ނުނިންމޭނެ ކަމަށެވެ. ދަރިން ބަލާ، ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަމުން އަންނަ ހީވާގި، މުރާލި އަންހެންވެރިންގެ އަގު ވަޒަންކުރުމަށް ލިބޭ ހާއްސަ ދުވަހު ވަކި ގޮތަކަށް އަމަލުކުރުމަށް އެންގުމަކީ ބޮޑު ގޯހެއް ކަމަށް ބުނެފައިވެއެވެ.

މި މައްސަލަ ހޫނުވެފައިވާއިރު ޖެންޑާ މިނިސްޓްރީން ދެންމެ ބުނެފައިވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން، މި މިނިސްޓްރީން ނެރެފައިވާ ސަރކިއުލާގެ މައިގަނޑު މަޤްޞަދަކީ މިއަހަރުގެ ޝިއާރާއި ގުޅިގެން ޙަރަކާތްތައް ހިންގުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް