ކުނީގެ މައްސަލަތައް ބޮޑުތަނުން ހައްލުވާތަން މިއަހަރު ފެނިގެންދާނެ: ޝައުނާ

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަ ކުނީގެ މައްސަލަތައް މިއަހަރު ބޮޑުތަނުން ހައްލުވެގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މ...

07 Mar 2022 | 08:14

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލަ ކުނީގެ މައްސަލަތައް މިއަހަރު ބޮޑުތަނުން ހައްލުވެގެންދާނެ

ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށުގެ ކުނީގެ މައްސަލަތަކާ ގުޅޭ ގޮތުން، މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މިހާތަނަށް ކުނި މެނޭޖުކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި ހަމައެކަނި ކުރަމުން އައި ކަމަކީ ކުނި ޖަމާކުރުން ކަމަށެވެ.

އެގޮތުން ކުނި ބައިކޮށް، ވަކިކޮށް، އެއީ އާމްދަނީ ލިބޭ ވަސީލަތަކަށް ހެދުމުގެ މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި

ކުނީގެ މައްސަލަތައް ބޮޑުތަނުން ހައްލުވާތަން މިއަހަރު ފެނިގެންދާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރ. ވަންދޫގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖުމެންޓް ސެންޓަރު އަންނަ ޖޫން މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އަދި ތިލަފުށީގައި ގާއިމުކުރާ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގެ ފުރަތަމަ ފޭސްގެ އިންފްރާންސްޓްރަކްޗާ މަސައްކަތް ނިމިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތިންވަނަ ރީޖަނަލް ވޭސްޓް މެނޭޖުމެންޓް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް އައްޑޫ ސިޓީގައި ކުރިއަށްދާ ކަމަށެވެ.

މިގޮތުން އެތަނުގައި 50 ޓަނުގެ ވޭސްޓް އެނާޖީ ޕްލާންޓް ގާއިމުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ގެންގޮސް، ހުރިހާ ސިވިލް ވޯކު ނިމިފައިވާ ކަމަށާއި އަމާޒަކީ މިއަހަރުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނައުން ކަމަށް ޝައުނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް