އައްޑޫގެ ތަރައްގީއަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން؛ މިނިސްޓަރ ޝައުނާ

އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނުހުއްޓުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ. ރައްޔިތުން...

07 Mar 2022 | 06:29

އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ފަށަން ނިންމާފައިވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ނުހުއްޓުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޝައުނާ ހާޒިރުވުމުން މެންބަރުންނަށް ސުވާލު ކުރައްވަން ދިން ފުރުސަތުގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވަނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމާއި ގުޅޭ ގޮތުން ސުވާލު ކުރައްވައިފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ އައްޑޫ މަރަދޫއާއި މަރަދޫފޭދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ބިމުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އައްޑޫގެ ތަރައްގީއަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް އައްޑޫގެ ތަރައްގީއަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން، އަޅުގަނޑުމެންގެ ސަރުކާރަކުން ވެސް އައްޑޫގެ ތަރައްގީއަކަށް ހުރަހެއް ނާޅާނަން،" ބިން ހިއްކުމުގެ މަޝްރޫއު ނުހުއްޓުވާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ވާނެ ކަމަށް އީޕީއޭ ރިޕޯޓުން ދެއްކިނަމަވެސް، އައްޑޫ އަށް ގެންނަން އުޅޭ ތަރައްގީ ނުހުއްޓި ކުރިޔަށް ގެންދާނެކަމަށް ޝައުނާ ވިދާޅުވިއެވެ.

ނަމަވެސް އެ އަތޮޅުގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް އީއައިއޭ ރިޕޯޓުން ފާހަގަވެފައި ވާތީ އެ މަސައްކަތް ހުއްޓާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ތިމާވެށީގެ ހައްގުގައި އަޑުއުފުލާ ބައެއް ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން މިއަދު 2:30 ގައި އީޕީއޭ އާއި ޕްލޭނިން މިނިސްޓްރީ އީއައިއޭ ކޮންސަލްޓަންޓާ އެކީ ބައްދަލުކުރާނެ ކަމަށާއި އެ މަޝްރޫއު ހިންގަން ކުރިޔަށް ދާނެ ގޮތަކާ މެދު އެ ބައްދަލުވުމުގައި ވިސްނަވާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް