"އުޖާލާ ދިރިއުޅުން" ސްކީމްގެ ދަށުން މުދާގަނެގެން، އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފަށައިފިއެވެ.
އިސްލާމިކް ބޭންކުން ބުނީ މިއީ "އުޖާލާ ދިރިއުޅުން" ސްކީމް މެދުވެރިކޮށް ބޭނުންވާ އެކި ސާމާނު ގަނެގެން, އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަނެއް ކަމަށެވެ. އަދި އާންމު ދިރިއުޅުމަށް ބޭނުންވާ އެކި ވައްތަރުގެ މުދާ އުޖާލާ ދިރިއުޅުން ސްކީމް މެދުވެރިކޮށް ގަތުމުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
އިސްލާމިކް ބޭންކުގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްގައި މަސައްކަތްކުރާ, ނުވަތަ އެބޭންކަށް މުސާރަ ޖަމާކުރާ ކޮންމެ ފަރާތަކަށް ވެސް މި ސްކީމްގެ ދަށުން މުދާ ގަނެވޭނެ ކަމަށާއި ކުލި ޖަމާކުރާތާ އެއް އަހަރު ވެފައިވާ ފަރާތްތަކަށް ވެސް މި ފެސިލިޓީގެ ދަށުން މުދާނެގޭނެ ކަމަށް އެމްއައިބީން ބުނެއެވެ.
މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް މި ޕްރޮމޯޝަން ފަށާފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން އެއްވަނައަށްދާ ފަރާތަކަށް ސްކޫޕީ 2022ގެ ސައިކަލެއް ދޭއިރު، ދެވަނައަށް ދާ ފަރާތަކަށް އައިފޯން 13 ޕްރޯ މެކްސް އެއް ލިބޭނެއެވެ. އަދި ތިންވަނައަށް ދާ ފަރާތަކަށް 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބެއެވެ.
މީގެ އިތުރުން ޕާޓްނާޝިޕް ޕްރޮމޯޝަންތަކެއްގެ ދަށުން އެ ބޭންކުގެ ކަސްޓަމަރުންނަށް އެލިޔާއިން ސައިކަލު ގަންނަ ފަރާތްތަކަށް އެކި ވަރުގެ ޑިސްކައުންޓުތައް ލިބޭއިރު ހޮންޑާ މެރިންގެ ހުރިހާ އައުޓްބޯޑް އިންޖީނަކުން ތިން ޕަސެންޓުގެ ޑިސްކައުންޓު ލިބޭއިރު, ހުރިހާ އެކްސަސަރީއަކުން ހަތް ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ ކަމަށް އިސްލާމިކް ބެންކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް