މާދަމާ ފާހަގަ ކުރާ ބައިނަލްއަގުވާވީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ރަތް ދޫލައި އެޅުމާއި ހާއްސަ ހަދިޔާ ދިނުން ޖެންޑާ މިނިސްޓްރީން މަނާކޮށްފި އެވެ.
އެކަން މަނާކުރީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރައްވައި މިދިޔަ މަހުގެ 27 ގައި ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވި ސިޓީއެއްގައި އެވެ. މިނިސްޓްރީގެ ސިޓީގައި ވަނީ ސަމާލުކަން ދޭންވީ ކަންކަމުގެ ގޮތުގައި ފަސްކަމެއް ނުކުރުމަށް އެދިފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ
• މަރުހަބާ ކިޔަން ރަތް ދޫލަ އެޅުން
• މާބޮނޑި ދިނުން
• ފިނިފެންމާ ދިނުން
• ޗޮކްލެޓް ދިނުން
• ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި
މީގެ އިތުރުން ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށް ޖެންޑާ މިނިސްޓްރީން އެދެ އެވެ. އެފަދަ ކުލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފިޔާތޮށި ކުލަ އެވެ.
ސާކިއުލާގައިވާ ގޮތުން އަންހެނުންގެ ދުވަސް ފާހަގަކުރަން ވާނީ "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިއާރުގެ މަގްސަދު ހާސިލް ކުރެވޭނެ ގޮތަކަށެވެ. އަދި އެ ހަރަކާތްތަކުގެ ހޭޝްޓެގްގެ ގޮތުގައި "ޖެނަރޭޝަން އިކުއަލިޓީ" އާއި އައިޑަބްލިއުޑީ2022" ބޭނުންކުރެވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، އަންހެނުންނަށް މާބޮނޑި އާއި ފިނިފެންމަލާއި ޗޮކްލެޓް ފަދަ ތަކެތި ދިނުމަކީ ވަރަށް އާންމު ކަމެކެވެ. ވަކިން ހާއްސަކޮށް ސްކޫލުތަކާއި ސަރުކާރުގެ އޮފީސްތަކުގައި މުއައްސަސާތަކުގައި ރަތް ދޫލައިން އެ ދުވަހު އަންހެން މުވައްޒަފުންނަށް މަރުހަބާ ކިޔައި، މާބޮނޑި ދެ އެވެ.
މިކަން މިފަހުން ބޮޑުވާން ފެށީ މީރާއިން2018 ވަނަ އަހަރު އަންހެނުންގެ ދުވަސް ފާހަގަ ކުރި ގޮތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް